ސޫދާންގައި މިހާރު އޮތް އިންތިގާލީ މަރުހަލާއަށް ފަހު އުފެދިގެން އަންނަ ދާއިމީ ސަރުކާރެއްގައިި ބައިވެރިވުމުގެ ވިސްނުމެއް ނެތް ކަމަށް ދާދި ފަހުން އެގައުމަށް ގެނައި ބަޣާވާތުގެ ލީޑަރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ޖެނެރަލް ޢަބްދުލްފައްތާހު އަލް-ބުރުހާން ވިދާޅުވެއްޖެއެވެ.
ސޫދާންގައި މީގެ 2 އަހަރެއްހާ ދުވަސް ކުރިން އެކުލަވާލި ވަގުތީ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އަސްކަރީ އަދި މަދަނީ ވެރިން ކޯޅިވަޑައިގެން، އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން، އެގައުމުގެ އަސްކަރީ ވެރިން، ގައުމުގެ ކޮންޓްރޯލް ނެގީ މިދިޔަ މަސް ނިމެންދަނިކޮށެވެ. އެއަށް ފަހު އަސްކަރީ ބަޣާވާތާ ދެކޮޅަށް އެގައުމުގައި މުޒާހަރާތަކޮށްފައިވާ އިރު ސަލާމަތީ ބާރުތަކުން ނިކުމެ ވަނީ މުޒާހަރާތައް ރޫޅާފައެވެ. ދެފަރާތުގެ ދެމެދު ހަމަނުޖެހުންތައް ހިނގާފައިވާ އިރު މިހާތަނަށް 14 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސޫދާންގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން އަލް ޖަޒީރާއާ ވާހަކަ ދައްކަވަމުން އަލް-ބުރުހާން ވިދާޅުވީ، ސޫދާންގެ އަސްކަރިއްޔާއިން އޮތީ އެގައުމުގެ ރައްޔިތުންނާއި ބައިނަލްއަގްވާމީ ދުނިޔެއިން ވެސް ބޭނުންވާ ގޮތަށް ސޫދާންގައި ޑިމޮކްރެޓިކް ސަރުކާރެއް ގާއިމު ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި މިކަމަށް ވާސިލްވުމުގެ ކުރިން އަންނަ އިންތިގާލީ މަރުހަލާގައި އިންތިހާބުތައް ބޭއްވުމަށް އަސްކަރިއްޔާއިން އެހީވާނެ ކަމަށާ، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސް ނާޅާނެ ކަމަށް ވެސް އަލް-ބުރުހާން ވިދާޅުވިއެވެ.
އަލް-ބުރުހާން ވިދާޅުވީ، ގާބިލް މަދަނީ ސަރުކާރަކަށް ވެރިކަމުގެ ބާރުތައް ހަވާލުކުރުމަށް އަސްކަރިއްޔާއިން ފަސްނުޖެހޭނެ ކަމަށާ އިންތިގާލީ މަރުހަލާއަށް ހުރަސް އަޅާނެ އެއްވެސް ކަމަކަށް އަސްކަރިއްޔާއިން ފުރުސަތު ނުދޭނެ ކަމަށެވެ.
އޭނާ ވަނީ އަސްކަރިއްޔާއާއި އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އާންމުންގެ ގިނަ ބަޔަކު މަރުވުމުން އެކަމުގެ ދިފާއުގައި ވެސް ވާހަކަ ދައްކަވާފައެވެ.
އަލް-ބުރުހާން ވިދާޅުވީ، ސޫދާންގެ އަސްކަރިއްޔާއިން އެގައުމުގެ އާންމުން ނުމަރާނެ ކަމަށާއި ކަމުގެ ހަގީގަތް ތަހްގީގުކުރުމަށް ހާއްސަ ކޮމިޓީތަކެއް އެކުލަވާލާފައިވާނެ ކަމަށެވެ.