ދ. ކުޑަހުވަދޫގެ އެހެން ސަރަހައްދަކަށް ބަދަލުކުރަން ހަމަޖެހިފައި އޮތް 200 އެއްހާ ރުއް ނަގައިގެން ރަށުން ބޭރުކުރަން އުޅެނިކޮށް ހުއްޓުވިފަހުން ރޭގެ ވަގުތެއްގައި އެ ރުއްތައް އީޕީއޭގެ ހުއްދައާއެކު ބޭރުކޮށްފިއެވެ.

މި ރުއްތަތަކީ ޖުވެނައިލް ސެންޓަރެއް އެޅުމަށް ހޯމް މިނިސްޓްރީއަށް މިދިޔަ ކައުންސިލްގެ ދައުރުގައި ދޫކޮށްފައިވާ ބިމުގައި ހުރި ރުއްތަކެކެވެ. އޭރުގެ ކައުންސިލުން ނިންމާފައި ވަނީ އޭގެ ބަދަލުގައި އެހެން ސަރަހައްދެއްގައި ނެގި އަދަދަށް ރުއް އިންދާ ގޮތަށެވެ. އެހެންނަމަސް މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އީޕީއޭއިން ހުއްދަ ނުދެނީސް ރުށްގަސްތައް ބޭރު ކުރަން އުޅުމުން ރަށު ރައްޔިތުން ނުކުމެ އެ ކަން ހުއްޓުވިއެވެ.

ކުޑަހުވަދޫ ކައުންސިލްގެ އެމްޑީޕީގެ މެންބަރު އަހްމަދު މައުރޫފް ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި އެ ރުށްތައް ރަށުން ބޭރު ކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއް ހިއްސާ ކުރައްވިއެވެ.

އެ ޓްވީޓުގައި މައުރޫފް ވަނީ ކުޑަހުވަދޫ ރައްޔިތުންގެ ރުއްތައް ރައްޔިތުންގެ ބަހެއް ނުހޯދާ ފައިސާވެރިން ވަގަށް ގެންގޮސް ހުސްކުރަނީ މުއައްސަސާތަކުގެ އިސްވެރިނާ ގުޅިގެން ކަމަށް ތުހުމަތު ކުރައްވާފައެވެ.

އިއްޔެ އީޕީއޭއިން ހުއްދަ ދީފައި ވަނީ ޖުވެނައިލް ސެންޓަރު ބިމުގައި ހުރި 79 ރުކާއި 26 ގަސް ނެގުމަށް އެ އިދާރާއިން އިއުތިރާޒް ނުކުރާ ކަމަށް ބުނެ އަދި ނަގާ ރުއްގަހުގެ 30 ޕަސެންޓް ރަށުގައި އިންދަން މަޖުބޫރު ކޮށްފައެވެ. އެ ހުއްދައިގެ ދަށުން ބަކީ ރުއްގަސްތައް ރަށުން ބޭރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން އެކަން ކުރުމުގައި ކަމާ ބެހޭ އެހެން އިދާރާތަކުގެ ހުއްދަ ނެގުމަށާއި ކަނޑާ ކޮންމެ ރުކަކަށް ނުވަތަ ގަހަކަށް ދެ ރުއް ނުވަތަ އެ އަދަދަށް ގަސް ރަށުގައި އިންދުމަށް ވެސް ވަނީ ޝަރުތު ކޮށްފައެވެ.

އަދި ހަމަ އެހެންމެ އެކަން ކުރުމުގެ ސަބަބުން އިޖްތިމާއީ މައްސަލައެއް ނުނިކުންނަ ގޮތަށް ރަށު ކައުންސިލާ މަޝްވަރާ ކޮށްގެން ކުރުމަށާއި ރަށުން ރުއްގަސް ބޭރުކުރާ ނަމަ ބޭރުކުރާ ކޮންމެ ގަހެއް އަދި ރުކެއްގެ އަދަދާއި ރުކުގެ އަހަރު އެނގޭނެ ގޮތަށް ފާހަގަ ކުރުމަށާއި މަޝްރޫއާ ގުޅޭ އެއްވެސް މަސައްކަތެއް ރޭގަނޑުގެ ހަމަހިމޭން ކަން ގެއްލޭ ގޮތަށް ނުކުުރުމުގެ އިތުރުން ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަަށް ހެދިފައިވާ ރުއްގަހުން ފެށިގެން 20 މީޓަރު ފުޅާ ސަަރަހައްދުގައި ހުރި އެއްވެސް ބާވަތެއްގެ ރުއްގަހެއް ނުނެގުމަށާއި ނަގާ ރުކުގައި އެއްވެސް ވަރަކަށް ރުކުމަޑި ހުރި ނަމަ އެރުއްތައް ރަށުން ބޭރު ނުކުރުމަށް ވަނީ ޝަރުތު ކޮށްފައެވެ.