ކ. ގުރައިދޫގައި 2 އަހަރުގެ ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ގުރައިދޫ މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ދިރިއުޅޭ ގެ ހުންނަނީ ރަށުގެ އުތުރު ފަރާތް ގޮނޑުދޮށާވީ މޫދު ކައިރީގައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތުދެމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން ވިދާޅުވީ އެ ކުއްޖާ ދިރިއުޅޭ ގެ ހުންނަނީ މޫދާ ވަރަށް ކައިރީގައި ކަމަށާއި އެ ހާދިސާ ހިނގާފައިވަނީ އެ ކުއްޖާއަށް ކާންދިނުމަށްފަހު މަންމަ ތަށި ދޮންނަ ދިޔަ ވަގުތު ކަމަށެވެ.

ޔާމީން ވިދާޅުވީ އެ ހާދިސާ ހިނގައި ދިޔައީ މީގެ އިރުކޮޅެއް ކުރިން ކަމަށާއި އެ ކުއްޖާ ނުފެނިގެން މަންމަ އެ ކުއްޖާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވާ ކަމަށެވެ. އަދި ކާން ދިނުމަށްފަހު 7 ވަރަކަށް މިނެޓުގެ ތެރޭގައި ހިނގާދިޔަ ކަމެއް ކަމަށްވެސް އާއިލާއާ ހަވާލާދީ ޔާމީން ވިދާޅުވިއެވެ.

ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލްގެ ރައީސް ޔާމީން ވިދާޅުވީ، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.