މަސައްކަތުގެ ރަސްމީ ގަޑިން ބޭރުން ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރެވޭ ގޮތަށް އިސްލާހު ގެނައީ 2015 އަހަރު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް އިސްލާހު ގެނެސް ސިވިލް ސާވިސް ގަވައިދު އިއްޔެ ގެޒެޓް ކޮށްފައިވާ ކަމަށް ބުނެ ނޫސްތަކުން ރިޕޯޓް ކުރުމާ ގުޅިންނެވެ.
އެ ކޮމިޝަނުން ނޫސްވެރިންގެ މައުލޫމާތަށް ކަމަށް ބުނެ އާންމު ކުރި މައުލޫމާތުގައި ބުނެފައި ވަނީ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅީ ސިވިލްސާވިސް ގަވާއިދަށް ނޮވެމްބަރު 4، 2021 ގައި ގެނެވުނު 8 ވަނަ އިސްލާހާއި ގުޅިގެންނެއް ނޫން ކަަމަށެވެ.
ސިވިލްސާވިސް ގާނޫނަށް 2015 ވަނަ އަހަރު ގެނެވުނު ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި އެކަން ބަޔާން ކޮށްފަައިވާ ކަމަށާއި އެ ބަދަލު ސިވިލް ސާވިސް ގަވާއިދަށް 2015 ވަނަ އަހަރުގެނެވި އެކަން އާއްމު ކޮށްފައިވާ ކަމަށްވެސް ސީއެސްއީން ވަނީ ބުނެފައެވެ.
އިއްޔެ އާއްމުކުރި އެ އިސްލާހަށް މީގެ ދެ މަސް ފަހުން އަމަލުކުރަން ފަށާއިރު، އޭގައި ތިން ދަރަޖައެއްގެ ކުށްތައް ބަޔާންކޮށްފައި ވެއެވެ.
ސިވިސްލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ސިވިލް ސާވިސް ގަވައިދު 2014ގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދެ (ހ) ގައި ބުނެފައި ވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.
އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މުވައްޒަފުގެ މަގާމުގެ މަސްލޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވެސް ވަޒީފާ ގެއްލޭނެ ކަމަށެވެ.
އޭގެ އިތުރުން، އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަފާތުކުރުމެއް ގެންގުޅޭނަމަ ވެސް ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އެފަދަ އަމަލެއް ކޮށްފި މުވައްޒަފަކަށް އެއްވެސް އެންގުމަކާއި ނުލައި ވަގުތުން ވަޒިފާއިން ވަކި ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.