ސިވިލް ސާވިސް ކޮމިޝަންގެ ސިސްޓަމްތަކަށް ސޮފްޓްވެއާއެއް އަޅައިގެން ސީއެސްސީގެ މުވައްޒަފުންނަށް ޖާސުސް ކުރާ ކަމުގެ ތުހުމަތުގައި ސަސްޕެންޑުކޮށްފައި ތިބި ދެ މުވައްޒަފުން ވަޒީފާއިން ވަކިވެއްޖެއެވެ.
އެއީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ޑިރެކްޓާ ޖެނެރަލް ހަސަން ފާރިޝް ރަޝީދު އަދި ޑާޓާ ސެންޓާ އިންޖީނިއަރިންގެ ކޮންސަލްޓަންޓު މުހައްމަދު އަދުހަމް މޫސާއެވެ.
ސީއެސްސީ އިން ބުނީ، ސަސްޕެންޝަނުގައި އެ ދެ މުވައްޒަފުން ބެއިތިއްބުމަށް ފަހު ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން ޖަވާބުދާރީ ވާން ފޮނުވުމުން މިދިޔަ ހަފުތާގައި އަމިއްލައަށް ވަޒީފާ އިން ވަކިވާން ހުށަހަޅާފައިވާ ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް ތުހުމަތުވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ސީއެސްސީގެ މުވައްޒަފުންނަށް ޖާސޫސްކުރަމުން ދިޔައީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ކޮމްޕިއުޓަރު ސިސްޓަމްތަކަށް އެޅި ސޮފްޓްވެއާއެއްގެ ޒަރިއްޔާއިންނެވެ. އެ ސޮފްޓްވެއާ މެދުވެރިކޮށް ސީއެސްސީ މުވައްޒަފުން ކުރާ ހުރިހާ މުއާމަލާތައި ބޭނުންކުރާ ޕާސްވޯޑްތައް ވެސް އެނގޭނެއެވެ. އަދި ސިސްޓަމްގައި ބޭނުން ކުރާ ސޯޝަލް މީޑިއާގެ އެކައުންޓްކާއި އެ ކައުންތްތަކުގެ މައުލޫމާތު ވެސް އެ ފަރާތްތަކަށް އެނގޭނެއެވެ.
މި މައްސަލަ ފަޅާ އަރާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޖާސޫސްކުރާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހަށް ތުހުމަތުކޮށެވެ. ނަމަވެސް ނާސިހު އޭރު ވިދާޅުވީ ޖާސޫސްކުރާކަން އެނގިވަޑައިގަތީ ވެސް މަޖިލީހުން އެކަމާ ގުޅުވައި ސިޓީ ފޮނުވުމުން ކަމަށެވެ.
އެހެންކަމުން އެކަމާ ގުޅިގެން އިތުރަށް ބެލިއިރު ތުހުމަތުކުރެވޭ ދެ މުވައްޒަފުން ތިބި ކަން ފާހަގަވި ކަނަށް ނާސިހު ވިދާޅުވެފައި ވެއެވެ. އެއަށް ފަހު އެ ދެ މުވައްޒަފުން ސަސްޕެންޑްކޮށް މި މުއްދަތާ ހަމައަށް އައި އިރު އެމީހުންގެ ސަސްޕެންޝަންގެ މުއްދަތު ވަނީ އިތުރު ވެސް ކޮށްފައެވެ.