ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ސީއެސްސީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާ ދެއްވާފައި ވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ގޮތުން މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށް ރައިސް އޮފީހުން ބުނެއެވެ. .

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މި ވަނީ އިއްޔެ އެ ކޮމިޝަނުގެ ނައިބު ރައީސަކަށް ހުންނެވި އިބްރާހިމް ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފަށާފައި ވަނިކޮށެވެ.

އޭނާއަށް ކުރާ ތުހުމަތުގެ ތެރޭގައި ރެކްރޫމަންޓުގައި ހުރި ބައެއް މައްސަލަތަކާ ގުޅިގެން ސީއެސްސީގެ ބައެއް މުވައްޒަފުންގެ ޝަކުވާ އާއި އިދިކޮޅު އެމްޑީޕީގެ ބޮޑުންނާއި މެންބަރުންނާ މާ ގާތް ގުޅުމެއް ބޭއްވުން ހިމެނެއެވެ.

ސީއެސްސީގެ ނައިބު ރައީސްގެ މަގާމަށް އިބްރާހިމް ރަޝީދު އައްޔަންކޮށްފައި ވަނީ ސެޕްޓެމްބަރު 3، 2020 ގައެވެ.