ބައެއް ކޮމިޝަންތަކުގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް, އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް ހިމެނޭހެން ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރަން އެޖެންޑާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށެވެ.

އެގޮތުން މާދަމާގެ އެޖެންޑާގައިވާ ގޮތުން، އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި އެ ކޮމިޝަންގެ މެންބަރަކު އަަދި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް އަދި އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަންގެ އިތުރު ދެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

އެ މެންބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާގައި ސިއްރުކޮށްގެން ކުރިއަށް ދިޔަ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގައި ކަމަށްވާއިރު ވެރިކަން ކުރާ މައި ޕާޓީ އިސްވެ އޮވެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ އޭސީސީ އާއި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނު އިސްލާހުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަދި ފާހަގަކޮށްލެވޭ ގޮތުގައި ވަކިކުރަން ހުށަހަޅާފައި ވަނީ އެމްޑީޕީގެ ސަރުކާރުގައި، އެ ޕާޓީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ދުވަސްވަރު އައްޔަން ކޮށްފައިވާ މެންބަރުން ވެސް މެއެވެ.