އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ބައެއް މެންބަރުން މަގާމުން ވަކިކުރަން ނިންމާފައި ވަނީ ނުފޫޒަށް ލެނބުމާ، ސުލޫކީ މައްސަލަތަކަކާ ގުޅިގެން ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުނެފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ފަރާތުން ވަނީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރުން ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފް ވަކިކުރުމަށް ހުށަހަޅާފައެވެ.

މިއަދުގެ ޖަލްސާގައި އެކަން އިއުލާން ކުރައްވަމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ އޭސީސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި އެ ކޮމިޝަންގެ ވާޖިބުތައް އަދާކުރުމުގައި ބިރަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި އަމިއްލަ މަސްލަހަތެއް ހާސިލް ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާކަމަށެވެ.

އެ ދެ މާއްދާއާ ހިލާފަށް މެންބަރަކު އަމަލު ކުރުމަކީ މެންބަރު ކަމުން ވަކިކުރެވޭނެ ހާލަތެއް ކަމަށް ގާނޫނުގައި ބުނާކަން ފާހަގަކޮށް އަމީންއާންމު ވިދާޅުވީ ސަލާމާއި ތޯހާ އެ މާއްދާތަކާ ހިލާފަށް އެތައް ކަމެއް ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް، ދެ މައްސަލައެއް ލިބިފައިވާ ކަމަށެވެ.

އިތުރަށް އަމީންއާންމު ވިދާޅުވީ، ސުލޫކީ ހަމަތަކާ މެންބަރުން ހިލާފުވެއްޖެ ނަމަ އެ މެންބަރަކު މަގާމުގައި ހުރުން އެކަށީގެން ނުވާ ކަމަށް ބަލައި މަގާމުން ވަކިކުރެވިދާނެ ކަމަށް އެ ދެ މުއައްސަސާއާ ގުޅޭ ގާނޫނުތަކުގައި ބުނާ ކަމަށެވެ. އެހެންވެ، އެ ކަންކަމަށް ރިއާޔަތްކޮށް ނަޝާތު، އާސިފް، ޑރ. މުހައްމަދު ޒާހިރު އަދި ސީއެސްސީގެ ނާސިހު އާއި ގުޅޭ ގޮތުން އެފަދަ މައްސަލަތަކެއް ކޮމިޓީ އަށް ލިބިފައިވާ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ހުށަހެޅި ސިޓީގައި ބަޔާންކޮށްފައިވާކަމަށް އަމީންއާންމު ވަނީ ވިދާޅުވިއެވެ.

ރިޔާސަތުން ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އަނބުރާ ފޮނުވާލައިފައެވެ. ބައެއް ކޮމިޝަންތަކުގެ މެންބަރުން ވަކިކުރަން ފަށާފައިވަނީ އޭސީސީ އާއި އީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު އިސްލާހުކުރުމަށް ފަށާފައިވާ ދަނޑިވަޅެއްގައެވެ.