ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގެން އެރަށު މީހަކަށް އަނިޔާކުރެއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް "ދަ ޕްރެސް" އަށް ވިދާޅުވީ، މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައި ވަނީ 3:00 ހާއިރު ކަމަށާއި، ޖާބިރު، އެ ރަށުގެ މީހަކަށް ގުޅުއްވައި ގެންގޮސް އެމީހާގެ ގައިގައި ތަޅުއްވައި އަނިޔާ ކުރައްވާފައިވާ ކަމަށެވެ.

މިހާރު އޭނާއަށް ދަނީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ކަމަށާއި، އޭނާގެ ނޭފަތް ފަޅައިގެން ގޮސްފައި ވާއިރު، އޭނާގެ މެޑިކަލް ރިޕޯޓުވެސް ފުލުހުންނަށް ހުށަހަޅާފައި ވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް ފުލުހުން ބުނަނީ ޖާބިރުގެ މިފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޖާބިރު އެމީހާ އަށް އަނިޔާ ކުރައްވާފައި ވަނީ، ޖާބިރުގެ ގެސްޓްހައުސް ކުންފުނި ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސް އިން ހިންގާ "ކާސާ މިއާ" ގެސްޓްހައުސަށް ރަހީނުކޮށްގެން ވެއްދުމަށް ފަހުގައެވެ.

ޖާބިރުގެ ގެސްޓްހައުސް ކުންފުނިން ހިންގާ ކާސާ މިއާ ގެސްޓްހައުސް ހިންގަން މަތިވެރިން އޭނާއަށް ބިމެއް ދޫކުރީ 2019 ގައެވެ. ޖާބިރަށް އެތަން ކުއްޔަށް ދިންތާ ދެ އަހަރު ވީއިރު، އެތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 4.7 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް، އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން، މަތިވެރީގެ ގިނަ ބަޔަކު ވަނީ މިދިޔަ ސެޕްޓެމްބަރުގައި ޖާބިރު އެ ރަށަަށް ވަޑައިގަތުމުން، އޭނާ އާ ދެކޮޅަށް މުޒަހާރާކޮށް، ޝުއޫރު ފާޅުކޮށްފައެވެ.

ހަމަ އެއާއެކު، މަތިވެރި ކައުންސިލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ ގެސްޓްހައުސް ހިންގަން ޖާބިރަށް އެ ބިން ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ ގަވާއިދާ ހިލާފަށް ކަމަށާއި ކުއްޔަށް ދިން އިރު ކައުންސިލަށް އެކަން އަންގާފައި ނުވާ ކަމަށެވެ. އަދި ޖާބިރު ދޭން ޖެހޭ ފައިސާ ނުލިބޭތީ ޓޫރިޒަމް މިނިސްޓްރީއަށާއި ރިޗް ކުންފުންޏަށް ވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވާފައި ވާނެ ކަމަށްވެސް ބުންޏެވެ.

ދާދި ފަހުން، ޖާބިރުގެ ގޭގެ ކުރިމަތީގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއް ވަރާލާ، އެތަކެއްޗަށް ގެއްލުންދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭގެ ކުރިން ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭނާގެ އަތުން ނެންގެވި ކަމަށް ބުނާ ފައިސާ ނުލިބޭތީ ބަދަލު ހޯދުމުގެ ގޮތުން ކަމަށް ބުނެ، އެގެއަށް ގެއްލުން ދީފައެވެ.