އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެ ވަގުތު ވަގުތީ ގޮތުން ކުރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، އިމިގްރޭޝަންގެ އޮންލައިން އެޕް 'އިމުގަ' އަށް ގެންނަމުންދާ އަޕްޑޭޓްތަކާ ގުޅިގެން އޮންލައިންކޮށް ހިދުމަތްދޭ ވަގުތައް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިގޮތުން ވަކި ގޮތެއް އަންގަންދެން މިއަދުން ފެށިގެން ޕާސްޕޯޓް ހުށަހެޅޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00ން ހަވީރު 04:00އާ ދެމެދު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ވަނީ އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.

އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ތާރީހުން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އެއިދާރާގެ މަގުސަދަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.