ކ. ރަސްފަރީ ފަރަށް އެރި އާގު ބޯޓުން އެ ސަރަހައްދަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާ ދެއްކުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންގި އެންގުން އިސްތިއުނާފު ކޮށްފިއެވެ.

އެމްވީ ނަވިއޯސް އަމާރީލިސް ކާގޯ އުފުލާ ބޯޓު ފަރަށް އެރީ އޯގަސްޓް 19، 20121 ވަނަ ދުވަހުގެ ރޭ ފަތިހު 3:00އެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 623 ފޫޓުގެ އާގު ބޯޓު ފުން ކުރެވުނީ ޓަގްބޯޓެއް ގެނެސްގެން ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ.

ބޯޓު ފުން ކުރި އިރު، ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ފަރަށް ލިބުނު ގެއްލުންތައް ބަލަން އީޕީއޭ އިން ހެދި ސާވޭއަށް ފަހު އެ ތަނުން ނިންމީ 100 މިލިއަން ރުފިޔާއިން ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރާށެވެ.

އެ އަދަދުން ޖޫރިމަނާ ކުރުމުން އެ ނިންމުން ބޯޓުގެ ވެރިފަރާތުން ވަނީ އިސްތިއުނާފު ކުރަން އެންވަޔަރަމެންޓް މިނިސްޓަރަށް ހުށަހަޅައިފައެވެ.

ޖޫރިމަނާގެ އިތުރުން ފަރަށް ލިބުނު ގެއްލުމާއި ދައުލަތަށް ލިބުނު އެހެނިހެން ގެއްލުމުގެ ހިސާބު އެދި އިރު އަދަދު ވަނީ 893 މިލިއަން ރުފިޔާ އަށް އަރައިފައެވެ.

އީޕީއޭއިން ބުނެފައި ވަނީ އެ އަދަދު ނުދައްކައިފި ނަމަ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކޮށްދޭން އޭޖީ އޮފީހުގައި އެދޭނެ ކަމަށެވެ.