އެންމެ ރަނގަޅު ގޮތަކީ ސަރުކާރުން މާލެ ހިންގުން ކަމަށާއި، މާލެ ހިންގަން ކައުންސިލެއް ބޭނުންނުވާ ކަމަށް ވިދާޅުވުމުން، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހޫނު ފެނަށް ވެއްޓިއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އިކްރާމް ވިދާޅުވީ، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ސަރުކާރުން މާލެ ހިންގުން ކަމަށާއި، މާލެއަށް ސިޓީ ކައުންސިލެއް ބޭނުން ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން، އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ މިއީ އެ ޕާޓީގެ ވިސްނުމާ ދިމާ އިދިކޮޅު ހިޔާލެއް ކަމަށާއި، އެމްޑީޕީއަށް މާލޭގެ ކައުންސިލް ގޮނޑިތައް ގެއްލުނު ސަބަބު ހޯދައި، އެކަންތައްތައް ހައްލުކުރުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، އެ ޕާޓީ ތަމްސީލު ކުރައްވާ މަޖިލިސްގެ ބައެއް މެންބަރުންނާއި ކައުންސިލަރުންވެސް ވަނީ އިކްރާމްގެ ޓްވީޓަށް ފާޑުވިދާޅުވެ، އެމްޑީޕީ މަސައްކަތް ކުރަނީ ރާއްޖެ ލާމަރުކަޒުކޮށް ހިންގުމަށް ކަމަށާއި، އެހެން ސިޓީތަކެކޭ އެއްގޮތަށް މާލޭގައިވެސް ސިޓީ ކައުންސިލެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހަމަ އެއާއެކު، ބައެއް އާންމުންވެސް ވަނީ އިކްރާމަށް ފާޑު ކިއުންތައް އަމާޒުކޮށްފައެވެ. އެގޮތުން އިކްރާމްގެ ވިސްނުން ހުރީ ރަނގަޅަށް ނޫން ކަމަށާއި، ދާއިރާގެ ކަންތައްތައް ހިންގަން އުޅުން ރަނގަޅުވާނެ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

މަޖިލިސް މެމްބަރުންނަށް ލިބެންޖެހޭ އިއްޒަތް ނުލިބޭ ކަމަށް ވިދާޅުވެ، މީގެ ކުރިން އިކްރާމް ވާހަކަ ދެއްކެވި އިރު، އަދި ސާފް ޗެމްޕިއަންޝިޕް އޮތް ދުވަސްވަރު މެޗުތަކަށް ޓިކެޓު ގަތުމާއި މެޗުތައް ބެލުމުގެ އިންތިޒާމްތަކުގައި ވެސް މަޖިލީސް މެންބަރުންނަށް އިސްކަން ލިބެން ޖެހޭނެ ކަމަށް ވިދާޅުވުމުން، އާންމުންގެ ގިނަ ފާޑުކިއުންތަކެއް އޭރު އޭނާއަށް އަމާޒުވިއެވެ.