ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީ މެންބަރު އިކްރާމް ހަސަންގެ ކޮވިޑް-19ގެ ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް ހަމަލާދިން މައްސަލާގައި މައާފަށް އެދިއްޖެއެވެ.
އިކްރާމް ވިދާޅުވީ މިއަދު އެ ކުއްޖާއާ އެ ކުއްޖާގެ މަންމައާ ބައްދަލު ކުރައްވާފައިވާ ކަމަށާއި ކުރެއްވުނު ކަންތަކަށާއި ވިދާޅުވެވުނު ބަސްތަކަށް މާފަށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ.
އަދި އެ ހިނގާދިޔަ ހާދިސާއާ ގުޅިގެން ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓްރު (އެޗްއީއޯސީ) އާއި ރެޕިޑް ރެސްޕޮންސް ޓީމް (އާރައާރްޓީ) ގެ ހުރިހާ މެންބަރުންގެ ކިބައިންވެސް މާފަށް އެދިވަޑައިގެންފައި ވާ ކަމަށް އިކްރާމް ވިދާޅުވިއެވެ.
މެންބަރު އިކްރާމްގެ މައްސަލަ ބަލާދިނުމަށް މަޖިލީހުގެ ކޮމެޓީއަށް ވެސް މިއަދު ވަނީ ފޮނުވާފައެވެ. އަދި އެ ހާދިސާ ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މާފަންނު މަދަރުސާ ތެރޭ ކޮވިޑްގެ ރިލީޒް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޮންސް ޓީމްގެ ކުއްޖަކަށް ހަމަލާދީ، މާރާމާރި ހިންގެވި ކަމަށް ބުނާ ވާހަކަ މެންބަރު އިކްރާމް އޭރު ވަނީ ދޮގު ކުރައްވާފައެވެ.
އެ ހަދިސާއަށް ފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި ދެމުންދާ ހިދުމަތް ތަކަކީ ޕްރޮފެޝަނަލް މިންގަޑުތަކާ އެއްގޮތް ވާ ގޮތުގެ މަތިން އޯގާތެރި ކަމާއެކު ކުރަމުން ދާ މަސައްކަތެއް ކަމަށާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ.