ކޮވިޑް-19 ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި ފަރާތަކަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލަ މަޖިލީހުގެ، އިމްތިޔާޒް ކޮމެޓީން ބަލާދިނުމަށް މޯލްޑިވްސް ހެލްތްޕްރޮފެޝަނަލްސް ޔޫނިއަން އިން މަޖިލީހަށް ފޮނުވައިފިއެވެ.

އެ ޔޫނިއަންއަންއިން ބުނީ މެންބަރު އިކްރާމްގެ ކޮވިޑް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް ހަމަލާދީ، މާރާމާރީ ހިންގާ، އަދި މަގާމްގެ ހައިސިއްޔަތުބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ، ރައްޔިތުންގެ މަޖްލިސްގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން، ބަލައިދީ ފިޔަވަޅުއަޅައިދިނުމަށްއެދި، މިއަދު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ޔޫނިއަން އިން ބުނީ މެންބަރު އިކްރާމް ވަނީ އޭނާގެ ސާމްޕަލްނެގި ހިދުމަތްތެރިޔާއަށް ދެފަހަރެއްގެ މަތިން އަތްއިސްކޮށް، (އެއް ފަހަރު އަތުގައި އަނެއްފަހަރު ފޭސް ޝީލްޑާގައި) ތިމަންނާއަށް އަނިޔާކުރާނަމަ، ޖެހުމުގެ ހައްގު އޮންނާނެކަމާއި އަދި ތަކުރާރުކޮށް ޖަހާނެކަމަށް ބުނެފައި ކަމަށެވެ.

އިކްރާމް އަކީ މަޖިލީހުގެ މެންބަރެއް ކަމަށާއި އަނިޔާ ނުކުރެވޭނެކަމަށާއި ޕޮލިހުންނަށް މައްސަލަ ހުށައަޅާނެކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށްވެސް އެ ޔުނިއަން އިން ވަނީ ބުނެފައެވެ.

އަދި ހިދުމަތްތެރިޔާގެ ނަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށް އޭނާއާ މުހާތަބުކޮށް "މުސްލިމެއް ނޫން” ކަމަށް ދޭހަވާ އިބާރާތަކުން ވާހަކަ ދައްކާފައިވާ ކަމަށާއި ރައްޔިތުން އިންތިހާބްކުރާ، ރައްޔިތުން ތަމްސީލްކުރާ އިއްޒަތްތެރި މަގާމްއެއްގައި ހުރެ، ރައްޔިތުންނަށް އާއްމު ހިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުއައްޒަފަކަށް، ފުރައްސާރަކޮށްހަމަލާދީ، އަދި އެކަން ދިފާއު ކުރައްމުންދާ ދިއުން އެ ޔޫނިއަންއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އަދި އެކަމާއި މެދު މުއައްޒަފުން ތަމްސީލްކުރާ އެއް ވުޒާރާއަކުން އެ އަމަލު ކުށްވެރިކޮށް، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމީ، އެ ޔޫނިއަންއިން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ސިއްހީ ހިދުމަތްތެރިންގެ ޔޫނިއަންއިން ބުނީ ކޮވިޑް-19ގެ ހާލަތުގައި މާރިޗްމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ސިއްހީ ހިދުމަތްތެރިން އަދި ވޮލެންޓިއަރުން ދަނީ އާއިލާއާ ރަހްމަތްތެރިންނާ ދުރުގައި ނަފްސު ނުރައްކަލެއްގެ ތެރެއަށް ލައިގެން ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރަމުން ކަމަށްވާއިރު، އެމީހުން އެހިދުމަތުގައި ދެމި ތިބީ ލިބޭ މުސާރައާއި އިނާޔަތްތަކަށްވުރެ ބޮޑަށް، ގައުމީ ރޫހުގައި ކޮވިޑް-19ގެ ހާލަތުން ރައްޔިތުންނާއި މުޖުތަމައު ސަލާމަތްކުރުމުގެ ރޫހުގައި ކަމަށް ވެސް އެ ޔޫނިއަނުން ބުނެއެވެ.

އެހެންނަމަވެސް، މުޖުތަމައު ތެރެއިން މަދުން ނަމަވެސް، ފުރައްސާރައިގެ ބަސްތަކާއިކުރިމަތިލާންޖެހޭ ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތަކަށް ނަފްސާނީ އަދި ޖިސްމާނީ ގެއްލުންލިބެމުންދާ ކަމަށެވެ. އެހެން ކަމުން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު، ފިޔަވަޅުއަޅައިދިނުމަށް އެ ޔޫނިއަންއިން ވަނީ ގޮވާލާފައެވެ.

މެންބަރު އިކްރާމްގެ މައްސަލަ ބަލާދިނުމަށް މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފައިވާއިރު، އެ ހާދިސާ ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މާފަންނު މަދަރުސާ ތެރޭ ކޮވިޑްގެ ރިލީޒް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޮންސް ޓީމްގެ ކުއްޖަކަށް ހަމަލާދީ، މާރާމާރި ހިންގެވި ކަމަށް ބުނާ ވާހަކަ މެންބަރު އިކްރާމް ވަނީ ދޮގު ކުރައްވާފައެވެ.

އެ ހަދިސާއަށް ފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި ދެމުންދާ ހިދުމަތް ތަކަކީ ޕްރޮފެޝަނަލް މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޯގާތެރި ކަމާއެކު ކުރަމުން ދާ މަސައްކަތެއް ކަމަށާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ.