ހުއްދަނެތި މީހެއްގެ ގައިގަ އަތްލުމަކީވެސް ޖިނާއީ ކުށެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި ފަރާތަކަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން އުޝާމް ވިދާޅުވީ މާރާމާރީ އަކަށް ވަނީ ހަމައެކަނި ހަމަލާއެއް ދިނުމުން ނޫން ކަމަށާއި މީހެއްގެ ހުއްދަނެތި ގައިގައި އަތްލުމަކީވެސް ޖިނާއީ ކުށަކަށް ވާނެ ކަމަށެވެ.
އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން ދާއިރު މާފަންނު މަދަރުސާ ތެރޭ ކޮވިޑްގެ ރިލީޒް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޮންސް ޓީމްގެ ކުއްޖަކަށް ހަމަލާދީ، މާރާމާރި ހިންގެވި ކަމަށް ބުނާ ވާހަކަ މެންބަރު އިކްރާމް ވަނީ ދޮގު ކުރައްވައިފައެވެ.
އެކަމާ ގުޅިގެން އިކްރާމް ވިދާޅުވީ މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ، އޭނާގެ ނޭފަތުގެ ތެރެއަށް ސާމްޕަލް ނެގުމަށް ކަފަބުރު ކޮއްޕި ގަޑީގައި ތަދުވެގެން، އެ ކަފަބުރު ނެރުމަށް އެ ކުއްޖާގެ އަތް ދުރަށް ލެއްވި ކަމަށާއި ކެމެރާ ހުރިނަމަ ކަންހިނގައި ދިޔަގޮތް ސާފުވާނެ ކަމަށެވެ.
އެ ހަދިސާއަށް ފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި ދެމުންދާ ހިދުމަތް ތަކަކީ ޕްރޮފެޝަނަލް މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޯގާތެރި ކަމާއެކު ކުރަމުން ދާ މަސައްކަތެއް ކަމަށާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ.
މެންބަރު އިކްރަމް މިހަރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ވަޑައިގެން ސާމްޕަލް ދެއްވާފައެވެ. އެ ސާމްޕަލް އަށް ފަހު އޭނާ ވިދާޅުވެފައި ވަނީ ވަރަށް ފަސޭހަ ކަމަށެވެ.