ށ. ބިލެތްފަހި އަދި މ.މުލީގައި އެއާޕޯޓު އަޅަން ނިންމައި އެކަން އިއުލާން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމުން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ރައްދު ދެއްވައިފިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އަންނަ އަހަރު ބިލެތްފަހި އަދި މުލީގައި އެއާޕޯޓު އަލުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މުއިއްޒު ރޭ ވިދާޅުވީ މުލި އަދި ބިލެތްފަހި އެއާޕޯޓަކީ ރައީސް ޔާމީން ނިންމަވައި އެމަނިކުފާނު އިއުލާންކުރައްވާފައިވާ އެއާޕޯޓުތަކެއް ކަމަށާއި، މުލި އެއާޕޯޓް އެޅުމަށް އެރަށު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ނިންމެވި ކަމަށެވެ.

އޭގެއިތުރުން ބިލެތްފަހި ބިން ހިއްކުމާއި އެއާޕޯޓް އަދި ޓޫރިޒަމް ހިމެނޭގޮތަށް މެގަ ޕްރޮޖެކްޓުގެ މާސްޓާ ޕްލޭނެއް ރައީސް ޔާމީންގެ ސަރުކާރުން ހައްދަވާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެވާހަކަތަކަށް ރައްދުދެއްވައި މެންބަރު އިކްރާމް ވިދާޅުވީ އެއާޕޯޓެއް އަޅަން ރައީސް ޔާމީންގެ ސަރުކާރުން އުޅުނު ނަމަ، ބޮޑު ހަރަދުކޮށްގެން މުލީ ބިން ހިއްކާނީ އެއާޕޯޓެއް އެޅޭގޮތަށް ކަމަށެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން ހިއްކި ފަސްގަނޑު ބޭނުމެއް ނުކުރެވޭ ކަމަށާއި، އެއާޕޯޓް އަޅަން ޖެހެނީ އަލުން ބިން ހިއްކަން ކަމަށް އިކާރަމް ވަނީ ވިދާޅުވެފައެވެ. އަދި އޮޅުވާލަން މަސައްކަތް ނުކުރުމަށް ވަނީ ގޮވާލައްވާފައެވެ.

މ. މުލީގައި އެއާޕޯޓެއް ހެދުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެއަތޮޅު ދިއްގަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަ ކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މުލީގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށެވެ. އެގޮތުން މުލީގައި އެއާޕޯޓު އަޅަން ނިންމާފައި ވަނީ ބިން ހިއްކައިގެންނެވެ.

2018 ވަނަ އަހަރު މުލީ ބިން ހިއްކުމުގެ މަޝްރޫއު ނިމުން ފާހަގަ ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ކުރީގެ ރައީސް ޔާމީން ވަނީ ރާއްޖޭގެ ރަށްރަށުގައި އެއާޕޯޓުތައް ހަދާތީ މުލީގެ ރައްޔިތުން ވެސް އެންމެ ބޮޑު އިންތިޒާރެއް ކުރަމުން އަންނަނީ އެ ރަށުގައި އެކަން ކުރެވޭނެ ދުވަހަކަށް ކަމަށް ވިދާޅުވެފައެވެ.

މުލީގެ އަތްމަތީގައި އޮތީ މުލީގެ އެއާޕޯޓު އަޅާނީ ރައީސް ޔާމީން ލައްވާތޯ؟ މުލީގެ ރައްޔިތުން އެކަމުގެ ފުރުސަތު އަޅުގަނޑަށް ދެއްވައިފި ނަމަ، އެ ކަން ވެސް ވާނެ. މުލީ ރައްޔިތުންގެ އިންތިޒާރު ހަގީގަތަކަށް ހަދައިދޭނަން
ރައީސް އަބްދުﷲ ޔާމީން

އެ ރަސްމިއްޔާތުގައި ރައީސް ޔާމިން ވަނީ އިތުރު ދައުރަކަށް އިންތިހާބު ވެވަޑައިގެންފި ނަމަ މުލީގައި އެއާޕޯޓެއް ހައްދަވައި ދެއްވުމަށް ވައުދުވެ ވަޑައިގެންފައެވެ.

ބިލެތްފަހީގައި އެއާޕޯޓެއް އަޅުއްވާނެ ކަން ރައީސް ޔާމީން އިއުލާނު ކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ރައީސް އެކަން އިއުލާން ކުރެއްވީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.