ސަޕްލައި ދޯންޏެއް ވ. ރަކީދޫ ކައިރި ފަރަކަށް އަރައި އެމްއެންޑިއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތ. އަތޮޅުން މާލެ ދަތުރުކުރަމުން ދިޔަ "ކޮއި" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އިންޖީނު ހުއްޓި، ވ. ރަކީދޫ ކަނޑުގެ އިރުމަތި ފަރާތު ފަރަށް އަރައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 06:25 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތުގައި އުޅުނު އެ ދޯނީގެ ފަޅުވެރިއަކަށް އަނިޔާވެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު މިއަދު ހެނދުނު 09:52 ހާއިރު ރަކީދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ތިން ބިދޭސީންނާއި ދިވެއްސަކު ދަތުރުކުރަމުން ދިޔަ މި ދޯނި ފުންކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.