އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ގެ ބަންދު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 16 ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ސާލިމްގެ މައްޗަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް އެންމެ ފުރަތަމަ ޖަހާފައިވަނީ މިދިޔަ މަހުގެ 17 ގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުންވެސް ޖަހާފައިވަނީ 15 ދުވަހެވެ.
ސާލިމް އަކީ އެރަށުގެ ނެދުންގޭގައި ދިރިއުޅުނު ބިދޭސީއެކެވެ. އެ ގޭގައި ސާލިމް ހުންނަނީ އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމަށެވެ. އެ ގޭގައި ދިރިއުޅެނީވެސް އެދެމީހުން އެކަންނެވެ. ނެދުން ގެއަކީ މަހުމޫދު މަރާލާފައި ފައްތާފައި އޮތް ފެންވަޅު ހުންނަ ފަޅުގެއާ އެއް މަގެއްގައި ހުންނަ ގެއެކެވެ.
އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ މަހުގެ 13 ގައެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ އާއިލާއިން، މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް ވެސް މަހާފައެވެ.
ފުލުހުން ބުނީ މަހުމޫދު މަރާލުމުގައި ސާލިމް ފިޔަވާ އިތުރު މީހަކު ބައިވެރިވެފައި ނުވާ ކަމަށެވެ.
މަހުމޫދު މަރާލާފައިވަނީ ސާލިމް ދިރިއުލޭ ގެއަށް މަހުމޫދު ގެންދިއުމަށްފަހު ފައިސާ އަށް އެދުމުން މަހުމޫދު އެކަމަށް އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމުގެ ތެރޭގައެވެ.