ކޮވިޑް-19 އާ ގުޅިގެން ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާން ޖެހޭ ގޮތަށް ތައިލޭންޑުން ކަނޑައަޅާފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

ދިވެހިރާއްޖޭގެ އެމްބަސީން ބުނީ، ކޮވިޑް-19 އާ ގުޅިގެން ތައިލެންޑަށް އެތެރެވުމަށް ތައި ސަރުކާރުން އަޅައަޅާފައިވާ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ލުއިތަކެއް ދިނުމަށް ތައި ސަރުކާރުން ނިންމާ، އެކަން އިއުލާންކޮށްފައިވާ ކަމަށެވެ.

މިގޮތުން އިއްޔެ ތައި ސަރުކާރުން ނެރުނު އިސްލާހުކޮށްފައިވާ "ގްރީން ކަންޓްރީ ލިސްޓް' ގައި ދިވެހިރާއްޖެ ހިމަނާފައިވާ ކަމަށް ވެސް ދިވެހި ރާއްޖޭގެ އެމްބަސީން ބުނެއެވެ.

"ޓެސްޓް އެންޑް ގޯ" ސްކީމްގެ ޝަރުތުތައް:

  • ގްރީން ލިސްޓްގައި ހިމެނޭ ގައުމަކުން ތައިލެންޑަށް ދަތުރުކުރުމުގެ ކުރިން އެއިން ގައުމެއްގައި ނުވަތަ އެލިސްޓްގައި ހިމެނޭ ގައުމުތަކެއްގައި މެދުނުކެނޑި 21 ދުވަސްވެފައިވުން، ގްރީން ލިސްޓްގައި ނުހިމެނޭ ގައުމެއްގައި ޓަރާންސިޓްކޮށްފައި ދަތުރުކުރާ ނަމަ އެއާޕޯޓުގައި 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެގެން ނުވާނެ. އަދި ޓްރާންސިޓްގައި އެއާޕޯޓުން ބޭރުވެގެން ނުވާނެ، (ތައިލެންޑުގައި ދިރިއުޅޭ ފަރާތަކުން ރާއްޖެއަށް ކުރު މުއްދަތަށްކުރުމަށްފަހު އަނބުރާ ތައިލެންޑަށް ދަތުރުކުރާނަމަ 21 ދުވަސް ހަމަކުރާކަށް ނުޖެހޭނެ.
  • ތައި ސަރުކާރުން ގަބޫލުކުރާ ނުވަތަ ޑަބްލިއުއެޗްއޯ އިން ހުއްދުދީފައިވާ ކޮވިޑް-19 ވެކްސިންގެ ފުރިހަމަ ޑޯޒް ހަމަކުރިތާ 14 ދުވަސްވެފައިވާ ފަރާތެއް ކަމުގައިވުން (12 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ކުޑަކުދިންނަށް، ވެކްސިން ޖަހާފައިވާ ބެލެނިވެރިއަކާއެކު ދަތުރުކުރެވޭނެ).
  • ތައި ސަރުކާރުން ކަނޑައަޅާފައިވާ ހެލްތް ސެޓިފައިޑް +SHA ނުވަތަ AQ ހޮޓަލެއްގައި 1 ރޭގެރިޒާވޭޝަނެއް ހަދާފައި އޮތުން (ހޮޓަލަށް ފައިސާ ދެއްކަން ކަށަވަރުވާ ލިޔުމެއް އޮންނަންވާނެ).
  • މަދުވެގެން 50000 ޔޫއެސް ޑޮލަރު ގެ ކޮވިޑް-19 މެޑިކަލް ހަރަދު ކަވަރުކުރާ އިންޝޫރަންސެއް ނަގާފައި އޮތުން.
  • ތައިލެންޑަށް ފުރުމުގެ ކުރިން، 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓްގެ ނެގަޓިވް ނަތީޖާއެއް އޮތުން.

މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ތައިލޭންޑްގެ ފަތުރުވެރިކަމުގެ ސިނާއަތަށް، 2020 ވަނަ އަހަރު، ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހިނގާ 2021 ވަނަ އަހަރު، ތައިލޭންޑުން ކޮންމެވެސް ވަރެއްގެ ލުއި ތަކެއް ދީފައި ވާއިރު، މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި އެ ގައުމަށް ޒިޔާރަތް ކޮށްފައި ވަނީ 700000 އެއްހާ މީހުންނެވެ. 2019 ވަނަ އަހަރު، 40 މިލިއަނެއްހާ މީހުން ތައިލޭންޑަށް ޒިޔާރަތް ކުރިއެވެ.

އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، ތައިލޭންޑުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17.7 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި ތައިލޭންޑުން މިހާތަނަށް، 18000 އެއްހާ މީހުންގެ ފުރާނަ ގެއްލިފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.