ރާއްޖޭގައި އުޅުނު ކްރިކެޓް ކޯޗުގެ މައްޗަށް އުފުލާފައިވާ 9 ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފިއެވެ.

ސައުތު އެފްރިކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާސިފް އަމީން ހާން، އޭނާ ކޯޗު ކޮށްދިން ކުދިންތަކަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރުފަހު 1 ޖަހާއިރުއެވެ.

މި މަހުގެ 20 ވަނަ ދުވަހު ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ މާފުށީ ޖަލުގެ ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

ކްރިކެޓް ކޯޗުގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ 3 ދައުވާއާއި ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ 3 ދައުވާގެ އިތުރުން ޖާއިޒު މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ 2 ދައުވާއެވެ.

ކޯޗު އާސިފް ފުރަތަމަ ހައްޔަރު ކުރީ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި އޮކްޓޯބަރު މަހު 5 ވަނަ ދުވަހެވެ. އޭނާ ހައްޔަރު ކުރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފިލައިގެން ފުރަންގޮސް ހުއްޓައެވެ. ނަމަވެސް އޭރު މުއްދަތު ޖެހުމަށް އޭނާ ކޯޓަށް ހާޒިރުކުރީ 24 ގަޑިއުރި ހަމަވީ ފަހުންނެވެ. އެހެން ކަމުން، ފުލުހުންގެ އިހުމާލުން އޭނާ ކޯޓަށް ހާޒިރު ކުރެވުނުލެއް ލަސްވުމުން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އުމުރުކޮށް، އޭނާއަށް ރާއްޖެއިން ބޭރަށް ދިއުން މަނާކޮށް، 30 ދުވަހުގެ މުއްދަތެއް ދިނެވެ.

އާސިފް ހާން ސަސްޕެންޑް ކުރި އިރު ގައުމީ ކްރިކެޓް ޓީމްގެ ކޯޗެއްގެ ގޮތުގައި އޭނާ ހުންނަތާ 2 އަހަރު ވެއްޖެއެވެ.