އިންގްލިޝް ޗެނަލް ހުރަސް ކުރަމުން ދަނިކޮށް ފްލައިޓް ވެއްޓި، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާއާއި ޕައިލެޓް މަރުވި ހާދިސާގައި، ފްލައިޓް އިންތިޒާމް ކުރި ފަރާތް ކުށްވެރި ވާ ކަމަށް، އަގުބަލިއްޔަތުން ނިޔާ ކަނޑައަޅައިފިއެވެ.
ޖެނުއަރީ 2019 ގައި ހިނގި ހާދިސާގައި، ޑޭވިޑް ހެންޑަސަން، 67، ކުށްވެރި ވާ ކަމަށް ނިންމާފައި ވަނީ، ކާޑިފް ކްރައުން ކޯޓުގައި ކުރިއަށް ދިޔަ ޝަރިއަތުގެ މަޖިލީހުގައެވެ.
ހެންޑަސަން ކުށްވެރި ވާ ކަމަށް ނިޔާ އިއްވާފައި ވަނީ، ފްލައިޓްގެ ސަލާމަތަށްޓަކާ ބަލަންޖެހޭ ކަންކަމަށް ބަލާފައި ނުވާ ކަމަށް ބުނެއެވެ. އޭނާ މީގެ ކުރިންވެސް ވަނީ، ހުއްދަ ނެތި، ފަސެންޖަރަކަށް ފްލައިޓެއް ހަމަޖައްސާދޭން މަސައްކަތް ކުރި ކަމަށް އިއުތިރާފް ވެފައެވެ.
ޝަރިއަތުގައި ބައިވެރިވި ޖޫރީން، ހެންޑަސަން ކުށްވެރި ވާ ކަމަށް ނިންމީ، ގާތްގަނޑަކަށް 8 ގަޑިއިރެއް ހާއިރުގެ މަޝްވަރާއަށް ފަހުގައެވެ. މި މައްސަލާގައި ހެންޑަސަންގެ މައްޗަށް ހުކުމް އިއްވާނީ ނޮވެމްބަރު 12 ވަނަ ދުވަހުއެވެ.
ސަލާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ވަކީލުން ވަނީ ހެންޑަސަންގެ މައްޗަށް ނިޔާ އިއްވުނު ގޮތަށް މަރުހަބާ ކިއާފައެވެ. ނަމަވެސް، އެކަމަކީ، ބޯޓު ވެއްޓެން ދިމާވި ގޮތާ ގުޅިގެން އުފެދޭ ސުވާލު "ޕަޒަލް"އެއްގެ އެންމެ އެތިކޮޅެއް ކަމަށްވެސް ބުނެފައި ވެއެވެ.
އާޖެންޓީނާގެ ޒުވާން ސްޓްރައިކާ އެމިލިއާނޯ ސަލާ ގޮވައިގެން ދަތުރުކުރަމުންދަނިކޮށް އިންގްލިޝް ޗެނަލަށް ވެއްޓުނު ކުޑަ މަތިންދާބޯޓު ދުއްވަން އިން ޕައިލެޓް ޑޭވިޑް އިބޯސްޓަންއަކީ ކަލާބްލައިންޑް މީހެއްކަން ވަނީ ހާމަވެފައެވެ.
ކަލާބްލައިންޑް މީހުންނަކީ ވަކި ކުލަތަކެއް ނުފެނި، އެހެން ކުލަތަކެއްގެ ގޮތުގައި އެ ކުލަތައް ފެންނަ މީހުންނަށްވާއިރު، މިފަދަ މީހުންނަކީ ރޭގަނޑުގެ ވަގުތުތަކުގައި އުދުހުމުގެ ހުއްދަ އޮންނަވެސް މީހުންނެއް ނޫނެވެ.
އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗް (އޭ.އޭ.އައި.ބީ) އިން ވަނީ، ސަލާ ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓަކީ ކޮމާޝަލް އުދުހުންތަކުގެ ހުއްދަ އޮންނަ ބޯޓެއް ނޫންކަމަށްވެސް ބުނެފައެވެ.