ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ރާއްޖޭގައި ވެކްސިން ރައްކާތެރިކަމާއިއެކު ބެލެހެއްޓުމުގެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުގެ އެހީއާއިއެކު އިކުއިޕްމަންޓް މިއަދު ހަދިޔާކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ހަވާލު ކޮށްދެއްވީ ޔުނިސެފްގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް މިސް މަރްޖާން މުންތަޒިމީ އަދި ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުން މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ ފްރީޒް ފްރީ ވެކްސިން ކެރިއާސް އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ގާއިމް ކުރުމަށްޓަކައި ބޭނުންވާ ފްރީޒާ ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް، އިންފޮމޭޝަން ޓެކްނިލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހިމެނެއެވެ.

ހެލްތު މިނިސްޓްރީއިން ބުނީ، މިއަދު ހަވާލުކުރެވުނު ތަކެއްޗާއި، އެ ޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީތެރިކަމާއެކު މުޅިޖުމްލަ 950،000.00 އެމެރިކާ ޑޮލަރުގެ އެހީ މިޕްރޮޖެކްޓްގެ ތެރެއިން ސިއްހީދާއިރާއަށް ލިބިގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި ޔުނިސެފް އާއި ޖަޕާން ސަރުކާރުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ކޮންމެ ޙާލަތެއްގައި ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.