ބުލީއިން ކުދިން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިން ކުދިންނާ ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިފަދައިން ވިދާޅުވީ 2023 ވަނަ އަހަރުގެ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގައި ނެގުމަށް ހަމަޖެހިފައިވާ ހާއްސަ ބިލްބޯޑު އިފްތިތާހު ކުރުމަށް އއ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ޔުނިސެފް އަދި ފުލުހުން ގުޅިގެން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތައް އެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށާއި ހަމައެކަނި މާލޭގައި އެފަދަ ޕްރޮގްރާމްތައް ހިންގައިގެން ފަރުޖައްސާލެވެން ނެތް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

10 ރަށެއްގައި މިފަދަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަން ފާހަގަ ކުރައްވާ ސާޖިދާ ވިދާޅުވީ މި ކަމުގެ ނަތީޖާ ނުކުމެ ހެޔޮ ބަދަލުތަކެއް ފެނިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

ދާދި ފަހުން ފެންމަތިވެފައިވާ ބުލީގެ މައްސަލައަށް ވެސް މެޑަމް ސާޖިދާގެ ވާހަކައިގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބުލީގެ ކަންކަން އިތުރުވެފައިވާ ކަމަށާއި ބެލެނިވެރިން އަދި ޓީޗަރުންގެ މިކަމަށް ވަރަށް ބޮޑަށް ވިސްނާ ސަމާލުވާންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކުދިންގެ ޒިންމާ ނަގާ ފަރާތްތަކުން ކުދިންނާ ގާތް ގުޅުމެއް އުފައްދާ މިފަދަ ކަންކަމުން އެކުދިން ރައްކާތެރިވުމަށްޓަކައި މަސައްކަތްކޮށްދޭން ޖެހޭ ކަމަށާއި މި ކަމުގައި އެންމެ ބޮޑު ރޯލެއް ކުޅެވޭނީ މައިންބަފައިން، ބެލެނިވެރިން، ޓީޗަރުން އަދި ކުދިންނާ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ކަން ސާޖިދާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެފަދަ ކަމަކަށް ކުއްޖާ ހުށަހެޅިގެން ދާއިރު، ބައެއް ކުދިންނަކީ އެ ވާހަކަ ނުދައްކާ ކުދިންނަށް ކަމަށާއި އެ ކުދިން ވާހަކަ ނުދައްކަނީ ކީއްވެގެންތޯ ބަލާ އެ ކުދިންނާއެކު ރަނގަޅު ގުޅުމެއް ބަދަހި ކުރަން ސާޖިދާ ވަނީ ގޮވާލައްވާފައެވެ.

އެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ 2023 ވަނަ އަހަރުގެ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ ހާއްސަ ބިލްބޯޑު އިފްތިތާހުކޮށްދެއްވާފައެވެ. އަދި މިއަދު ހަވީރު ބޭއްވި ހާއްސަ ކުޑަކުދިންގެ ހަވީރު ހުޅުއްވައިދެއްވާ އެ ހަވީރުގައި ހުރި ސްޓޯލްތައް ވެސް އެކަމަނާ ބައްލަވާލެއްވިއެވެ.