2021 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމް ހާސިލު ކުރި ރަޝިއާގެ ނޫސްވެރިޔާ ޑިމިޓްރީ މުރަޓޯފް، އޭނާއަށް އިނާމެއްގެ ގޮތުގައި ލިބިފައިވާ ނޮބެލް ސުލްހައިގެ ރަން މެޑަލް ނީލަން ކިޔާ، ރެކޯޑް އަގަކަށް ވިއްކާލައިފިއެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީވުމަށް ފައިސާ ހޯދުމުގެ ގޮތުން ނޮބެލް ސުލްހައިގެ ރަން މެޑަލް ނީލަމުގައި ވިއްކާލާފައި ވަނީ 103.5 މިލިއަން ޑޮލަރުގެ ރެކޯޑް އަގަކަށެވެ.

ހެރިޓޭޖް އޮކްޝަންސްގައި ވިއްކާލި މެޑަލް ގަތް މީހާގެ ވަނަވަރު ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް މެޑަލް ނީލަން ކިޔައިގެން ލިބުނު ހުރިހާ ފައިސާއެއް ދާނީ، ޔޫކްރައިންގެ ކުޑަ ކުދިންނަށް އެހީވުމަށް ޔުނިސެފުން ހިންގާ މަޝްރޫއަށް ކަމަށް ހެރިޓޭޖް އޮކްޝަންސްއިން ވަނީ ހާމަ ކޮށްފައެވެ.

މުރަޓޯފްއަކީ ރަޝިއާގައި ޝާއިއު ކުރާ ދުވަހު ނޫހެއް ކަމަށްވާ ނޮވާޔާ ގެޒެއްޓާގެ އެޑިޓާ އިން ޗީފްއެވެ. މޮރަޓޯފްއަކީ ރަޝިއާގައި މިނިވަން މީޑިއާއެއް ގާއިމު ކުރުމަށް ފާޅުގައި ވަކާލާތު ކުރާ ނޫސްވެރިއެކެވެ. ނަމަވެސް ރަޝިއާގެ އަދުގެ ހާލަތު އޮތް ގޮތުން މިނިވަން މީޑިއާއަކަށް ފުރުސަތު ނެތް ކަމަށްވެސް އޭނާ ބުނެއެވެ. އަދި ރަޝިއާގައި މިހާރު ނުފޫޒު ގަދަ ކޮށްފައި ވަނީ ދައުލަތުގެ މީޑިއާކަންވެސް މުރަޓޯފް ވަނީ ފާހަގަ ކޮށްފައެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ވާ ކުޑަކުދިންނަށް އެހީވުމަށް މުރަޓޯފް، އޭނާގެ ނޮބެލް ރަން މެޑަލް ނީލަން ކިޔަން ނިންމި ނިންމުމަށް، ނޮބެލް ކިމިޓީއިންވެސް ވަނީ ތައުރީފު ކޮށްފައެވެ.