ރަޝިއާ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ ހަނގުރާމަ ފެށިފަހުން ފާއިތުވީ މަސް ދުވަހުގެ ތެރޭގައި، ޔޫކްރައިންގެ ކުޑަކުދިންގެ ތެރެއިން ކޮންމެ 2 ކުއްޖަކުން 1 ކުއްޖެއްގެ ގެދޮރު ގެއްލިފައި ވާ ކަމަށް، ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ބުނެފިއެވެ.

ޔުނިސެފުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވާ ގޮތުގައި، ޔޫކްރައިނުން 4.3 މިލިއަން ކުދިންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެއީ ޔޫކްރައިންގެ ކުޑަކުދިންގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެވެސް އިތުރު އަދަދެކެވެ. ޔޫކްރައިންގެ ކުޑަކުދިންގެ އާބާދީއަކީ 7.5 މިލިއަންއެވެ.

ޔުނިސެފުން އާންމު ކޮށްފައިވާ ތަފާސް ހިސާބުގައި، ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ގައުމުތަކަށް ހިޖުރަ ކުރި 1.8 މިލިއަން ކުދިން ހިމަނާފައިވެއެވެ. އަދި ޔޫކްރައިން ތެރޭގެ އެކި ހިސާބުތަކުގައި ގެދޮރު ގެއްލިފައި ވާ 2.5 މިލިއަން ކުދިންވެސް ހިމެނެއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާ (އޯއެޗްސީއެޗްއާރް) އާ ހަވާލާދީ ޔުނިސެފްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރަޝިއާ ހަނގުރާމަ ފެށިފަހުން މަރުވި ކުޑަކުދިންގެ އަދަދު 78 އަށް އަރައެވެ. އަދި 105 ކުއްޖަކު ވަނީ ޒަހަމްވެފައެވެ. ނަމަވެސް މި އަދަދުތަކަކީ އދއަށް ކަށަވަރު ކުރެވިފައި ވާ އަދަދުތައް ކަމުން، ހަގީގީ އަދަދުތައް މިއަށް ވުރެ މަތިވުން އެކަށީގެން ވާ ކަމަށްވެސް ޔުނިސެފްގެ ބަޔާނުގައިވެއެވެ.

ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވީ މިކަމަކީ މި ފަހުގެ ތާރީހުގައި ފެނިފައި ވާ ދަރަޖައިގެ ކަމެއް ނޫން ކަމަށެވެ.

ޔުނިސެފުން ދަނީ ރަޖާގެ އިތުރުން ފެން ސާފު ކުރާ ބޭސްގުޅައާއި، ޖަނަރޭޓަރުގެ އިތުރުން ސިއްހީ އާލާތްތަކާއި ވިހެއުމާ ގުޅޭ ކިޓްތައްވެސް މައިންނާ ހަވާލު ކުރެވޭތޯ ބަލަމުން ކަން އެލްޑާ ވަނީ ފާހަގަ ކުރައްވާފައެވެ.