ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ އިންތިހާ ވޭން އުފުލަމުންދާ ސޫރިޔާގެ 12.3 މިލިއަން ކުޑަކުދިން ތިބީ އެހީއަށް އެދި ސަލާންޖަހާ ހާލުގައި ކަމަށް އދއިން އިންޒާރު ކޮށްފިއެވެ.
އޭގެ ތެރޭގައި، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގައި މިވަގުތު ތިބި ކުދިންގެ އިތުރުން، ފުރާނައިގެ ސަލާމަތް ހޯދުމަށް، އަވަށްޓެރި ގައުމުތަކުގައި ހިމާޔަތް ހޯދަމުންދާ ކުދިންވެސް ހިމެނޭ ކަމަށް އދއިން ބުނެއެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާތަކެއްގެ ގޮތުގައި މީގެ އެތައް އަހަރެއް ކުރިން ސޫރިޔާގައި ފެށި ހަމަނުޖެހުންތައް ދާހިލީ ހަނގުރާމައަކަށް ބަދަލުވެ، ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތަކުގެ ކުރިމަތިލުމުގެ މައިދާނަކަށް ބަދަލު ވެގެން ގޮސް، މިއަދު ހިސާބަކަށް ހަމަޖެހުން އައިސްފައި ވީ ނަމަވެސް، ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް، ސޫރިޔާއަށް ލިބޭ އެހީ މަދުވަމުން ދާކަން އދއިން ފާހަގަ ކުރެއެވެ.
ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ބުނީ، ސޫރިޔާގެ ކުޑަ ކުދިން ތަކުލީފު އުފުލަމުން ދާތާ މިހާރު ގިނަ ދުވަސްތަކެއް ވެފައި ވާ ކަމަށާ، ދެން އިތުރަށް އެކަން ދެމިގެން ގޮސްގެން ނުވާނެ ކަމަށެވެ.
ސޫރިޔާ ތެރޭގައި އެކަނިވެސް 6.5 މިލިއަން ކުދިން ތިބީ އެހީއަށް ބޭނުން ވެފައި ކަމަށް ޔުނިސެފުން ފާހަގަ ކުރާ އިރު، މިއީ މީގެ 11 ވަރަކަށ އަހަރު ކުރިން ސޫރިޔާގައި ހަނގުރާމަ ފެށި ފަހުން މިއަދަދު މިހާ މަތިން ރެކޯޑް ކުރި ފުރަތަމަ ފަހަރެވެ.
ޔުނިސެފްގެ އޮފިޝަލަކު ވަނީ، ޔޫކްރައިން މަސްރަހުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ އަސަރުވެސް ސޫރިޔާގެ އާއިލާތަކަށް ފޯރަމުން ދާ ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ކާބޯތަކެތިވެސް ހިމެނޭހެން ޒަރޫރީ މުދަލުގެ އަގުތައް އަތް ނުފޯރާހާ މައްޗަށް އެރުން ފަދަ ކަންކަން ހިނގާކަން، އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ. އެކަމުގެ ސަބަބުން، ދިރިއުޅުމުގެ ކަންކަން ދެކޮޅު ޖެއްސުމަށް އާއިލާތަކުން ބޮޑު ތަކުލީފެއް އުފުލަމުން ދާ ކަމަށް ޔުނިސެފްގެ އޮފިޝަލު ވިދާޅުވިއެވެ.
ކަން މިހެން އޮތް އިރު، އެހީ ފޯރުކޮށްދިނުމަށް އެކަށީގެންވާ މިންވަރަށް ފައިސާ ލިބުން ދަތިވެފައި ވާ ކަން ޔުނިސެފުން ފާހަގަ ކުރެއެވެ. އިންސާނީ އެހީއަށް ބޭނުންވާ ފައިސާ ލިބުން ހީނަރު ވަމުން އަންނަ ކަމަށް ޔުނިސެފުން ބުނެއެވެ.