އިޒްރޭލުން ދެމުންދާ ހަމަލާގައި މަރުވާ ގާޒާ ކުޑަކުދިންގެ އަދަދު އިތުރުވަމުން އަންނަ އިރު ބޭސްފަރުވާގެ ދަތިކަމުގެ ސަބަބުން މަރުވާ ކުދިން އިތުރުވެ ގާޒާ އަކީ މިހާރު ކުޑަކުދިންގެ ގަބުރުސްތާނަކަށް ވެފައިވާ ކަމަށް ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވެއްޖެއެވެ.

ޖެނީވާގައި ބޭއްވި އދގެ ޕްރެސް ބްރީފިންގައި ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވަނީ، ގާޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދގެ ކުޑަކުދިންގެ އެޖެންސީން ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ. ގާޒާގައި ކުޑަކުދިން މަރުވަމުން ދަނީ ހަމައެކަނި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ނޫން ކަމަށާއި ބޭސްފަރުވާގެ ދަތިކަމުގެ ސަބަބުން ވެސް ގާޒާގެ ކުޑަކުދިން މަރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުނިސެފުން ބުނީ ގާޒާއިން 940 ކުއްޖަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ އިރު، ތުއްތު ކުދިން ޑީހައިޑްރޭޓް ވަމުންދާ ކަަމަށެވެ. ސަބަބަކީ އާންމު ފެން އުފެއްދުމުގެ އެންމެ ފަސް ޕަސެންޓް ލިބެމުން ދިއުމާއި ސާފު ބޯފެން ލިބުމުގައި ދަތިކަން ތަހައްމަލު ކުރަމުން ދިއުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ގާޒާގައި ފެނާއި ނަރުދަމާގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން ގާޒާ އޮތީ "އާންމު ސިއްހަތުގެ ކާރިސާއެއްގެ" އައްސޭރީގައި ކަަމަށެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، މި ހަނގުރާމައިގައި މިހާތަނަށް ގާތްގަނޑަކަށް 3،500 ކުޑަކުދިން ވަނީ ޝަހީދު ވެފައެވެ.

ގާޒާގެ އާއިލާތަކާ ބައްދަލުކުރެއްވުމަށް ފަހު އދ.ގެ ރިލީފް ޗީފް މާޓިން ގްރިފިތް ވިދާޅުވީ، ހަނގުރާމަ ފެށުނީއްސުރެ އެމީހުން ދިރިއުޅެމުން އައްނަނީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން އޭނާ އާ ވާހަކަ ދެއްކި 8 އަހަރުގެ ކުއްޖަކު ބުނެފައި ވަނީ އޭނާ މަރުވާން ބޭނުން ނުވާ ކަަމަށާއި މިހާރު ތަހައްމަލު ކުރަމުންދާ ނިކަމެތިކަން އިހްސާސް ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

މާޓިން އިއްޔެ ނެރުއްވި ބަޔާނެއްގައި ބުނީ ބޮމުގެ ހަމަލާތައް ދެމުން ދަނިކޮށް ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަން ހޯދުމުގެ މަސައްކަތުގައި ގާޒާގެ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވަމުން އަންނަ ކަމަށެވެ. އަދި ވަގުތުން އިންސާނީ ހަނގުރާމަ ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވައި އެތައް މިލިއަން ބައެއްގެ ފުރާނައާއި މަރުގެ މައްސަލައަކަށް ހައްލު ހޯދުމަށް އެދިވަޑައިގެންފައެވެ.