މިދިޔަ ބުރާސްފަތި ދުވަހު ހިފައި އަނިޔާ ކުރުމަށްފަހު، ފިޔާ ކޮށާލާފައި ހއ. ބާރަށުން ފެނުނު ގުޑުގުޑާ ދޫނި، ނުވަތަ ފްލެމިންގޯގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އެ އޭޖެންސީން ރޭ ބުނީ، ޅ. މާކޯއަށް ރީހެބިލިޓޭޓް ކުރަން ގެންދިޔަ ފްލެމިންގޯއަށް ދެވެން ހުރި ފަރުވާއެއް އައި ދެމުން ކަމަށާއި، ނަމަވެސް އެ ފްމެނިންގޯގެ ހާލު ދަނީ ދަށްވަމުން ކަމަށެވެ.

އަދި، މިފަދަ ތަކެއްޗަށް ފަރުވާ ދޭނެ ހާއްސަ ފެސިލިޓީއެއް ރާއްޖޭގައި ގާއިމް ކުރެވިފައި ނެތުމުން، އެކަށޭނަ ފަރުވާއެއް ދެވެން ނެތް ކަމަށާއި، މިއީ މިފަދަ ތަކެތި ހިފައި، އަނިޔާ ނުކުރަންވީ ސަބަބެއް ކަމަށް، އީޕީއޭއިން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ބާރަށުން މީހަކު ހައްޔަރުކޮށް، އެ މައްސަލަ ބަލަމުންދާ ކަމަށާއި، ރާއްޖެއަށް ހިޖުރަކުރާ ދޫނިފަދަ ތަކެތި ހިފައި، އެތަކެއްޗަށް ގޯނާ ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް، ދާދިފަހުން އީޕީއޭއިން ވަނީ ބުނެފައެވެ.

އީޕީއޭއިން ވަނީ އެފަދަ ދޫނިތައް ހިފާ ހައްޔަރުކޮށް ގޯނާކުރާ ފަރާތްތައް ހުއްޓުވާ، އެފަދަ ފަރާތްތަކަށް ފާރަވެރިވެ، އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު އެ އެޖެންސީގެ ހޮޓްލައިން ނަންބަރު، 7980379 އަށް މެސެޖުކުރުމަށް ނުވަތަ އީމެއިލް ކުރުމަށް އެދިފައެވެ.