ޑީއެންއޭގައި ބާރުދެނިވި ގަރީނާ ހުރިނަމަ، ޒިނޭގެ ކުށް ސާބިތު ކުރުމަށް ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށް، ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އެ ކޯޓުން މިހެން ކަނޑައެޅީ މުހައްމަދު ތައުފީގު ކިޔާ މީހަކަށް ދައުލަތުން ކުރި ޒިނޭގެ ދައުވާގެ މައްސަލައިގެ ނިންމުމުގައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ، ނަމަވެސް އެ ކޯޓުން ނިންމީ އިސްލާމީ ޝަރީއަތުގައިވާ ގޮތުން، ޒިނޭ ސާބިތު ކުރެވޭނީ ހަތަރު ފިރިހެނުންގެ ހެކި ބަހުން ނުވަތަ ޒިނޭކުރި މީހާގެ އިއުތިރާފުން ކަމަށާއި، އެހެންވެ ތައުފީގުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

ތައުފީގުގެ މައްޗަށް ދައުލަތުން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުވާކުރީ ފާތިމަތު ޝަމީމާ ކިޔާ މީހަކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި 2016 ވަނަ އަހަރު ވިހެއި ކުއްޖަކީ އޭނާ ތައުފީގާ އެކު ޒިނޭ ކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް ޝަމީމާ ބުނާތީ އާއި، އެ ކުއްޖާގެ ޑީއެންއޭ އާއި ތައުފީގުގެ ޑީއެންއޭ ދިމާވާތީއެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ކުޑަހުވަދޫގެ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފައެވެ. އެގޮތުން އެ ކޯޓުން ކުރި ހުކުމްގައި ބުނީ ޒިނޭގެ ކުށް ސާބިތުކުރުމަށް އިސްލާމީ ޝަރީއަތުގައި އޮތް ހަމަތަކާއި އެ ކުށަށް ކަނޑައެޅިފައިވާ އުގޫބާތް ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާތީ، އެ ހަމަތަކުގެ ބޭރުން އެކުށް ސާބިތުކޮށް އުގޫބާތެއް ނުވަތަ އަދަބެއް ވިޔަސް ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ކަނޑައެޅުން ހުއްދަވެގެން ނުވާ ކަމަށެވެ.