ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 85،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6:00 އިން މިއަދުގެ އިރުއޮއްސި 6:00 އަށް ކޮވިޑަސް ޕޮޒިޓިވްވި 55 މީހުންނާއެކު، ޖުމްލަ ޕޮޒިޓިވްވެފައިވަނީ 86،605 މީހުންނެވެ. އޭގެ ތެރެއިން 85،030 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއާއެކު ރާއްޖޭން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 98 ޕަސެންޓު މީހުން ބަލިން ރަނގަޅުވެފައިވާއިރު، އޭގެ ތެރޭގައި ދެވަނަ ފަހަރަށް ކޮވިޑް ޖެހުނު މީހުންވެސް ހިމެނެއެވެ.

ފާއިތުވި ދުވަސްތަކުގައި މާލޭން ޕޮޒިޓިވްވާ މީހުންނަށް ވުރެ ރަށްރަށުން ޕޮޒިޓިވްވާ މީހުން އިތުރުކަމަށް ދެއްކި ނަމަވެސް، ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭންވެސް އަދި ރަށްރަށުންވެސް ޕޮޒިޓިވްވެފައި ވަނީ 21 މީހުންނެވެ. އަދި ރިސޯޓުތަކުން 13 މީހުން ޕޮޒިޓިވްވެފައިވެއެވެ.

މީގެ އިތުރުން، އެކްޓިވް ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، 18 މީހަކަށް ފެސިލިޓީތަކުން އަންނަނީ ފަރުވާ ދެމުންނެވެ. ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިމަހު ނުވަ މީހުން މިހާތަނަށް މަރުވެ، މަރުވި މީހުންގެ އަދަދު ވަނީ 240 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވާއިރު، އެޗްޕީއޭއިން ވަނީ ބޮޑެތި ލުއިތައް ދީފައެވެ. އޭގެ ތެރޭގައި އެ އޭޖެންސީން ކަނޑައަޅާފައިވާ މިންގަނޑަށް ވެކްސިން ފުރިހަމަކުރި ރަށްރަށަށް ޕީސީއާރު ޓެސްޓަކާ ނުލާ ދަތުރުކުރެވޭ ގޮތް ހެދުން ހިމެނެއެވެ.