ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުލި ކަނޑައަޅާފައިވަނީ އުސޫލުން ބޭރުން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން ބުނީ ހައުސިން ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކަނޑައަޅާފައި ވާ (މެއިންޓަނެންސް ހަރަދުގެ ގޮތުގައި 1000 ރުފިޔާ ހިމަނާއިގެން) 6600 ރުފިޔާއަކީ، އީއެމްއައި މެތަޑާ އެއްގޮތަށް ހަދާފައިވާ ހިސާބެއް ނޫންކަމަށެވެ.

ނަތީޖާއެއްގެ ގޮތުން، އެ އަދަދަކީ މަޝްރޫއު ހިންގަން ނެގި ލޯނުތަކާއި، ރީފައިނޭންސިން އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިއާޔަތް ކޮށް ކަނޑައަޅާފައި ވާ އަދަދެއް ނޫންކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުނެއެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީން ތައްޔާރު ކޮށްފައި ވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް، މަހަކަށް 6600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެން ދާނީ 99،647 ރުފިޔާ ކަމަށާ ނަމަވެސް، އީއެމްއައި މެތަޑަށް ހިސާބު ހަދައިފިނަމަ، ފައިނޭންސް ކޯސްޓްގެ ގޮތުގައި ޔުނިޓަކަށް 1254،879 ރުފިޔާ ޖެހޭނެ ކަމަށް ވެސް ރިޕޯޓުން ދައްކައެވެ.

އެއީ މަހަކަށް 6600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ، ފައިނޭންސް ކޯސްޓްގެ ގޮތުގައި ޔުނިޓަކުން 1،155،231 ރުފިޔާގެ ގެއްލުންމެއް ކަމަށް ވެސް ރިޕޯޓުގައި ބުނެއެވެ.

އެރިޕޯޓުގައި އިތުރަށް ބުނީ ހައުސިން ޔުނިޓަކަށް މަހަކު ދައްކަން ޖެހޭކަމަށް 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހެޅި 5548 ރުފިޔާއަކީ، 3.36 ޕަސަންޓްގެ އިންޓަރެސްޓާ އެކު 25 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީއެމްއައި މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ހިސާބެއް ކަމަށެވެ. ނަމަވެސް ޕްރައިމަރީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 3.3 ޕަސަންޓް + ލައިބޯ (ލޯނު ނަގާއިރު ބާންކުތަކުން ދޫކުރާ އާންމު އިންޓަރެސްޓް ރޭޓް) ކަމަށް ވާއިރު، މާލެ ސިޓީ ކައުންސިލުން ބޭނުން ކޮށްފައިވާ ލައިބޯ ގެ އަންދާޒާ ކަމުގައިވާ 0.06 ޕަސަންޓަކީ ޖުލައި އަދި ސެޕްޓެމްބަރު 2020 ގައި، ކޮވިޑް-19އާ ގުޅިގެން ވަރަށް ބޮޑަށް ލައިބޯ ދަށްވެފައި ހުރި ދުވަސްވަރެއްގައި ހުރި ލައިބޯ ކަމަށް ރިޕޯޓުގައި ބުނެއެވެ. އަދި، ލޯނު ދައްކަމުން އައި އިރު ހުރި އެވްރެޖް ލައިބޯ އަށް ރިއާޔަތްކޮށް، ހޯދާފައިވާ ރޭޓެއް ނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެއެވެ.

ރިޕޯޓުގައި އިތުރަށް ބުނީ ހައުސިން ޔުނިޓަކަށް މަހަކު ދައްކަން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ (މެއިންޓަނެންސް ހަރަދުގެ ގޮތުގައި 1000 ރުފިޔާ ހިމަނާއިގެން 8500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި 138،062،670 ރުފިޔާގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ހަމައެހެންމެ ހައުސިން ޔުނިޓަކަށް މަހަކު ދައްކަން 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީން ނިންމާފައިވާ 6600 ރުފިޔާ އާއި 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ހަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ރުފިޔާ ގެ ޑެފިސިޓެއް ވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް ރިޕޯޓުގައި ބުނެއެވެ.