އއ.ބޮޑުފޮޅުދޫގައި އަލަށް އިމާރާތްކުރެވުނު " މަސްޖިދުއް ތަގްވާ"، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވާދެއްވައިފިއެވެ.

ރައީސް އެމިސްކިތް ހުޅުވާދެއްވީ އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުފޮޅުދޫއަށް ވަޑައިގަންނަވާފައެވެ.

ދައުލަތުގެ ބަޖެޓުން ޖުމްލަ 4.44 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ މިސްކިތުގައި ނަމާދު ކުރާބައިގެ ބޮޑުމިނުގައި 2604 އަކަފޫޓު ހުންނައިރު އެ މިސްކިތުގައި އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

"މަސްޖިދުއް ތަގްވާ" އިމާރާތްކުރުމަށް ބިންގާ އަޅާފައިވަނީ އޮކްޓޫބަރު 17، 2019 ވަނަ ދުވަހުއެވެ. ނަމަވެސް މަސައްކަތްތައް ނުނިމުގެ ސަބަބުން ކޮންޓްރެކްޓް ބާތިލްކޮށް 2 ވަނަ ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވަނީ ޑިސެމްބަރު 22، 2020 ވަނަ ދުވަހުއެވެ.

1 ފަންގި ފިލާއަށް ހަދާފައިވާ އެ މިސްކިތް އެއްކޮށް ނިންމާލާފަވަނީ ސެޕްޓެމްބަރު 11، 2021 ވަނަ ދުވަހުއެވެ.

ރައީސް އއ އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އއ. ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.