އއ. މަތިވެރިއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރަށުގެ ބިންހިއްކުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރި ރައްޔިތުންނާ، ކައުންސިލާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަގައެވެ.

މިއަދު ހެނދުނު މަތިވެރީގައި ވަކިން ބޭއްވި އެ ދެ ބައްދަލުކުރެއްވުމުގައި ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ރައްޔިތުން ވަނީ އެ ރަށުގެ ތަރައްގީއާ ކުރިއެރުމަށް ބޭނުންވާ ކަންކަމާ، ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މަތިވެރި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެންމެ ބޮޑަށް ފާހަގަ ކޮށްފަ ވަނީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު އޮތް ދަތިކަމުގެ ވާހަކައެވެ. އަދި މަތިވެރީގައި ބިން ހިއްކާ، ބޯހިޔާވަހިކަމުގެ މައްސަލަޔަށް ހައްލެއް ހޯދާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަނީ ދަންނަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވެސް ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރީ ބިމުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ކަމަށާ އެކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫއު ހިމަނައިދެއްވާނެ ކަމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، އެމްޓީސީސީއަށް ރާއްޖޭގެ ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ބޭނުންވާ އެހީތެރިކަން ދެއްވައިގެން މަސައްކަތް ކުރިޔަށް ގެންދަވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ކަންކަމުގެ ތެރޭގައި، ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސިއްހީ ހިދުމަތް ދޭ ވަގުތު އިތުރުކުރުމާ، ސްކޫލްގައި 11 އަދި 12 އަށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖެއްސުން ހިމެނޭ ކަމަށެވެ. އަދި ރަށުގެ ކައިރީގައި އޮތް މަތިވެރި ފިނޮޅު ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް އެދުނު ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް އަންނަ އަހަރަށް ބަޖެޓްކޮށްފައިވާ ކަމަށާއި ކަމާގުޅޭ މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށް ފަހު ސިއްހީ ހުދުމަތްދޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ، މަތިވެރި ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމާ މަލްޓިޕާޕަސް ހޯލް ޓެންޑަރކުރެވިފައިވާކަމަށް ވިދާޅުވެ ކައުންސިލުން އެދިލައްވާގޮތަށް ރަށު ސްކޫލްގައި 11 އަދި 12 ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ކައުންސިލުން ގުޅިގެން މަސައްކަތް ކުރިޔަށް ގެންދެވުމަށް ވިދާޅުވެފާވާ ކަމަށެވެ.

އެބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ކޮމެޓީގެ މަސައްކަތްތައް ފުޅާކުރުމަށް ކުރިޔަށް ގެންދަން ބޭނުންވާ ހަރަކާތްތައް ހިންގުމަށް ވަކި ހާއްސަ ތަނެއް ނެތުމުން ދިމާވާ ދަތިތައް ފާހަގަކޮށްފަ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެހެން ނަމަވެސް އަޅަން ހަމަޖެހިފައިވާ މީޓީންގް ހޯލްގެ އިމާރާތް އެޅިއްޖެ ނަމަ އެކަމަށް ކޮންމެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އެކޮމިޓީން ފާހަގަ ކުރި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހޯލް އެޅުމަށް އިތުރަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސަވާ ދެއްވާނެ ކަމަށް ވިދާޅުވެފަ ކަމަށެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރި ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަތިވެރިއަަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް އިއްޔެ ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.