ސަރުކާރާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮވިޑް އިން އަރައިގަނެވޭނެ ކަމުގެ އުންމީދު އޮތް ގައުމުތަކުގެ ލިސްޓްގެ ކުރީގައި ރާއްޖެ ހިމެނިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އުކުޅަސް ފަދަ އާމްދަނީ ހޯދުމަށް ފަތުރުވެރިކަމަށް ބަރޯސާވާ ރަށްތަކަށް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮވިޑް އިން އަރައިގަނެވޭނެ ކަމުގެ އުންމީދު އޮތް ގައުމުތަކުގެ ލިސްޓްގެ ކުރީގައި ރާއްޖެ ހިމެނިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެ ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަނގަޅު ފެރީ ޓާމިނަލެއް ބޭނުންވާ ކަމަށާއި، މިކަންކަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމުގައި ވިދާޅުވެފައެވެ. އަދި، ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އުކުޅަހު މަގުހެދުމުގެ މަޝްރޫއު އަަދި މި އަހަރުހެ ބަޖެޓުގައި ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމަނައިގެން ކުރިޔަށް ގެންދާކަމުގައި ވިދާޅުވެފައެވެ.

އުކުޅަހު ރައްޔިތުން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ. މިގޮތުން ރަށުގެ ރައްޔިތުން ވަނީ ސްކޫލްގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ވަސީލަތްތަކާއި، ކުޅިވަރު އިންފްރާސްޓްރަކްޗާތަކުގެ މައުލޫމާތު ތަފްސީލީ ގޮތަކަށް ރައީސްއާ ހިއްސާ ކޮށްފައެވެ.

މީގެ އިތުރުން ވެސް ބިން ހިއްކުމުގެ މަޝްރޫއާއި ބޯހިޔާވަހިކަމުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮނޑުވުމާ ގުޅިގެން ކެބިނެޓް ބައެއް މިނިސްޓަރުންނާ އަދި ރައީސް ވަނީ، މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާ ޖަވާބުދާރީ ވެވަޑައިގެންފައެވެ.

މިގޮތުން ރައީސް ވަނީ އުކުޅަހުގެ ތަރައްގީއަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ރައްޔިތުން ހުށަހެޅި ކަންކަން ވިސްނުމުގައި ބަހައްޓައިގެން ކުރިޔަށް ގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު ރައީސް ވަނީ އުކުޅަހުގެ ވިޔަފާރިވެރިންނާއި ގެސްޓްހައުސް ހިންގާ ފަރާތަކާ ބައްދަލުކުރައްވައި އެމީހުންނަށް ދިމާވާ ދަތިތައް ވެސް އޮޅުންފިލުއްވާފައެވެ.

ރައީސް އުކުޅަހަށް އިއްޔެ ވަޑައިގަތީ، އަރިއަތޮޅު އުތުރުބުރީގެ 6 ރަށަކަށް އިއްޔެ ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެއްގެ ގޮތުގައެވެ. ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.