ސިވިލް އޭވިއޭޝަން އޮތޯރިޓީން, އައްޑޫ ފްލައިން ސްކޫލް ހިންގި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ހިންގުމުގެ ގާބިލުކަން ބަލާނެ އިންތިޒާމު ހަމަޖެހިފައި ވީ ނަމަވެސް, މި އިންތިޒާމް ތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުން ނުދާ ކަމަށް, އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭއޭއޭގެ ކަންތައްތައް ބެލެހެއްޓުމަށް ކުރި މަސައްކަތްތަކާ ގުޅޭގޮތުން ނެރުނު ޕާފޯމަންސް އޮޑިޓުގައި ބުނީ, ފްލައިން ސްކޫލަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލު ކުރެވިފައި ނުވާ ކަމަށާއި, ސަބަބަކީ ހިންގުމުގެ ގާބިލުކަން ބެލުމުގައި ރިޕޯޓުން ފާހަގަ ކުރި މައްސަލަތައް އިސްލާހު ކުރަން އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވުމާއި, އޮޑިޓް ކުރުމުގައި ގެންގުޅެފައި ވާ އުސޫލުތައް ހަރުދަނާ ނުވުމުން ކަމަށެވެ.
މީގެ އިތުރުން, މިހާރުގެ އޭވިއޭޝަންގެ ހާލަތަށް ބެލުމަށް ފަހު, ހާލަތާ އެކަށީގެންވާ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައި ނުވާ ކަމަށާއި, ރާއްޖޭގައި ފްލައިން ސްކޫލް ހިންގާ އިތުރު ފަރާތެއް އަދި ނެތް އިރު, އެ ސްކޫލްގެ ފްލައިޓްތައް ގްރައުންޑު ކޮށް, އޮޕަރޭޝަންތައް މެދު ކަނޑާލައިފިނަމަ, ދަރިވަރުންނަށް ލިބިދާނެ ގެއްލުންތައް ބޮޑުވެދާނެ ކަމަށް ފެންނާތީ އެ ސްކޫލަށް ފިޔަވަޅު އެޅުމަށް, އޮތޯރިޓީއަށް ދަތިވެފައި ވުމުން ކަމަށް, އެ ރިޕޯޓުގައި ބުންޏެވެ.
އަދި ދަރިވަރުންނަށް ލިބެން ޖެހޭ ހައްގުތައް ފޯރުކޮށްދިނުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބަލަމުން ގެންގޮސްފައި ނުވާތީ, އެންމެ މުހިންމު ވަގުތުގައި, ފްލައިން ސްކޫލްގައި ކިޔެވި ދަރިވަރުންގެ ހައްގުތައް ފޯރުކޮށްދެވިފައި ނުވާ ކަމަށާއި, ދަރިވަރުންގެ ހައްގުތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަރުދަނާ އުސޫލަކުން ބެލިފައި ނުވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އެކަން އެހެން ދިމާވީ ގާނޫނަކުން އެކުދިންގެ ހައްގުތައް މޮނިޓާ ކުރުމުގެ ޒިންމާ ވަކި އިދާރާއަކާ ހަވާލުކޮށްފައި ނުވާތީ ކަމަށްވެސް ބުންޏެވެ.
ހަމައެހެންމެ, އެ ރިޕޯޓުގައިވާ ގޮތުން, މިދިޔަ އަހަރު ތިން ފްލައިޓަކަށް ދިމާވި މައްސަލަތައް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތެއް ހެދުމަށްޓަކައި, އެ މައްސަލައިގެ އަސްލު އިސްލާހު ކުރަން ދީފައިވާ މުއްދަތު ހަމަވިއިރުވެސް އެ މަސައްކަތް ކޮށްފައި ނުވާ ކަމަށާއި, މެއިންޓަނެންސާ ގުޅުން ހުރި ކަންތައްތައް އިސްލާހު ކުރުމަށް އަޅާނެ ފިޔަވަޅުތައް ހުށަހަޅާފައި ނުވެއެވެ.
މި މައްސަލައިގެ އިތުރުން, އޭވިއޭޝަންގެ ގަވާއިދާ ހިލާފަށް ދަރިވަރުންގެ ރެކޯޑުތައް އޭއޭއޭއިން ބަލަހައްޓާފައި ވާއިރު, އެ މައްސަލައަށް އޮތޯރިޓީން ހައްލެއް ހޯދާފައި ނުވާ ކަމަށާއި, އެގޮތުން ދަރިވަރުން އެކްޓިވް އަދި އިންއެކްޓިވް ކަމަށް ފްލައިން ސްކޫލުން ކަނޑައަޅަމުން ގޮސްފައި ވާކަމަށް 2016 ވަނަ އަހަރު އޮތޯރިޓީއަށް ފާހަގަކުރެވުނު ނަމަވެސް, އެގޮތަށް ކަނޑައެޅުމަށް ވަކި އުސޫލެއް އޭއޭއޭއިން ނުގެންގުޅޭ ކަމަށް އޮތޯރިޓީއަށް ފާހަގަވީ އޮކްޓޯބަރު 2019 ގައި ކުރި ތަހުގީގަކުން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ. މިކަމަށް ވަކި އުސޫލެއް ކަނޑައަޅަން މިދިޔަ އަހަރުގެ ފެބްރުއަރީގައި މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެއާއެކު، އޮޑިޓް ރިޕޯޓުގައި ހުށަހަޅާފައިވާ ބައެއް އިސްލާހުތައް:
- އޭވިއޭޝަންގެ ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތައް ފާހަގަކޮށް, އެ ފަރާތްތަކުގެ ކަންކަން ބަލައި އެ ފަރާތްތަކާމެދު އަމަލު ކުރާނެ ވަކި ހާއްސަ އުސޫލެއް އެކުލަވާލުން
- އެޕްރޫވްޑް އޮގަނައިޒޭޝަންތަކުގައި އެކަށީގެންވާ އަދަދަށް ދުއްވާ ފްލައިޓް ހުރިތޯ ބަލާނެ ގޮތުގެ ތަފްސީލު އޮޑިޓް ޕްރޮސީޖަރެއް ކަނޑައަޅާ, ކޮންމެ އަހަރަކުވެސް އެއް އުސޫލަކުން އެކަން ބަލައި ލިޔެކިއުމުން ބަލަހައްޓަމުން ގެންދިއުން
- ދުއްވާ ފްލައިޓްތައް އެކަށީގެންވާ ވަރަށް ހުރިތޯ ބަލާނެ ގޮތުގެ ޕްރޮސީޖަރެއް ކަނޑައަޅާއިރު, އެޕްރޫވްޑް ޓްރޭނިން އޮގަނައިޒޭޝަނަށް އެއަހަރު އަލަށް ގުޅޭ ދަރިވަރުންގެ އަދަދަށާއި, އެ ދަރިވަރުން ހަދާ ކޯސްތަކަށް ބޭނުންވާ އޯގަނައިޒޭޝަންގައި ހުރިވަރަށް ރިއާޔަތް ކުރެވޭނެ ގޮތަކަށް އޮޑިޓް ޕްރޮސީޖަރު ކަނޑައެޅުން
- އޮތޯރިޓީން ކުރާ އޮޑިޓްތަކުގައި ވަކި ކަންތައްތައް ބެލުމަށް ހަދާ ޓެސްޓުތައް ހެދުމަށް އެއް އަހަރުން އަނެއް އަހަރަށް އުސޫލެއް ގެންގުޅުމަށާއި, އެ އުސޫލަށް ބަދަލެއް ގެންނަނަމަ, އެކަން ބަލައިގަނެވޭނެ ހުއްޖަތެއް ދައްކައި ލިޔެކިއުން ބެލެހެއްޓުން
- އޮޑިޓުގައި ހަދާ ހިސާބުތަކުގެ ތަފްސީލީ ރެކޯޑުތައް ބެލެހެއްޓުންއޭވިއޭޝަންގެ ދާއިރާއަށް އަންނަ ބަދަލުތަކަށް ބަލައި, ފާހަގަ ކުރެވޭ ކަންތައްތައް އިސްލާހު ކުރުމަށް ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުން
ޕައިލަޓުން ތަމްރީނު ކުރުމަށްޓަކައި، އައިލެންޑް އޭވިއޭޝަނާއި، ޗެކް ރިޕަބްލިކް ގުޅިގެން ފްލައިން ސްކޫލެއް ހިންގަން ތައްޔާރުވެފައިވާ އިރު، ސަރުކާރުން ވަނީ އަންނަ ޑިސެމްބަރުގައި އަލުން ކޯސްތައް ފަށާނެ ކަމުގެ ޔަގީންކަން ދީފައެވެ.