ތިން އަހަރު ދުވަހުގެ މުއްދަތަކަށް ގަން އެއާޕޯޓުގައި ފްލައިން ސްކޫލެއް ހިންގުމަށް، ސަރުކާރުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ.

މި އެއްބަސްވުމުގެ ދަށުން، ތިން އަހަރުގެ މުއްދަތަކަށް ގަން އެއާޕޯޓުގެ ހެނގަރާއި އޮފީސް އިމާރާތެއް ކުއްޔަށް ދޭނެއެވެ.

އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނީ ސަރުކާރުގެ ހިއްސާ އޮންނަ، ގައުމީ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާ ކުންފުންޏަކުންނެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖަރު މުހައްމަދު މިހާދު މީގެ ކުރިން ވިދާޅުވީ ކުރިއަށް އޮތް ޑިސެމްބަރު މަހުގައި ފްލައިން ސްކޫލްގެ ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެކި ސަބަބުތަކާހެދި ޕައިލެޓް ޓްރޭނިން މެދުކެނޑުނު ދަރިވަރުންނަށާއި، އޭއޭއޭގެ ދަރިވަރުންނަށް އިސްކަން ދޭނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ފްލައިން ސްކޫލެއް އުފައްދަން ނިންމާފައިވަނީ އޭއޭއޭގެ މައްސަލައިގެ ސަބަބުން، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ، އެތައް ދަރިވަރުންނެއްގެ ކިޔެވުން ހުއްޓިފައި އޮތް ދަނޑިވަޅެއްގައެވެ.

ފާއިތުވި ދިހަ އަހަރު، އައްޑޫގައި ފްލައިން ސްކޫލް ހިންގަމުން ދިޔައީ ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި، އެ އެކަޑެމީއާ އެއްކޮށް ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ވަނީ ނިންމާފައެވެ.