އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ކިޔެވުން ހުއްޓިފައިވާ ދަރިވަރުންނަށް އަންނަ ޑިސެންބަރުމަހުގެ ތެރޭގައި އަލުން ކޯސް ކުރިޔަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ އޭއޭއޭގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭގޮތުން ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމާ ގުޅޭގޮތުން އޭއޭއޭގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ދަރިވަރުން ވަނީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ރައީސަށް ހުށަހެޅި ސިޓީއަށް މިހާ އަވަހަށް އިޖާބަ ދެއްވީތީ އެކަމަށްޓަކާ ޝުކުރު އަދާކޮށްފައެވެ. އަދި، އެ ދަރިވަރުން ފާހަގަކުރި ގޮތުގައި އެދަރިވަރުންނަށް ދިމާވެފައިވާ ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ދިޔަކަމަށާ، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ.

އެ ބައްދަލުކުރެއްވުމުގައި، ދަރިވަރުން ވަނީ ސްކޫލްގެ ކިޔެވުން ހުއްޓިފާވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާ، ރީފަންޑް ނުލިބުމާ، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭންގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ، ނަފްސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.

އޭއޭއޭގެ ދަރިވަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއިން ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ޖޮއިންޓް ވެންޗާ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފަލައިން ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، ފްލައިން ސްކޫލްގައި ކިޔަވާދިނުމަށް ބޭނުންވާކަންކަން ފުރިހަމަކޮށް ޑިސެންބަރު މަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިޔަށްދާނެކަމަށް އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ. އޭގެ އިތުރުން ވެސް ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދިނުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާ، އެކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެ ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީހުން ފެށިގެން 6 މަސްދުވަސް ފަހުންކަމުގައި ކަނޑައަޅާ، އެ ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

އެ ބައްދަލުކުރެއްވުމުގައި، މިނިސްޓާ އޮފް ފިނޭންސް އިބްރާހީމް އަމީރާ، މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަނާ، ރައީސް އޮފީހުގެ އިސްވެރިންނާ، އައިލެންޑް އޭވިއޭޝަންގެ ފަރާތްތަކުން އަދި ސިވިލް އޭވިއޭޝަންގެ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.