ކަފާލާތުގައި ދޫކުރާއިރު ޖާމިނު ކުރާނެ ވަކި ގޮތެއް ގާނޫނުގައި އޮއްވާ އެނޫން ގޮތްގޮތަށް މައްސަލަ ނިންމީމާ، ދެން ޖެހޭނީ ހައިކޯޓަށް ދާން ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިފަދައިން ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ދައުވާ ކޮށްފައިވާ ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އޭނާގެ އެއްބަނޑު އެއްބަފާ ދެ މީހުން ޖާމިނުކޮށް އިއްޔެ ބަންދުން ދޫކޮށްލައިފާ ވަނިކޮށެވެ.

އެހެންނަމަވެސް، ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ބައެއް މީޑިއާތަކަށް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމައި، އަންނަ ހަފުތާގެ ތެރޭގައި ހައި ކޯޓަށް އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ދަށު ކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނު ކުރެވޭ ގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް ވެއްޖެ ކަމަށް ގާޒީ ހަސަން ސައީދަށް އިޝާރާތް ކުރައްވައި ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަމީމް ވަނީ ޖާމިނު ވުމުގެ މަފްހޫމް ފަނޑިޔާރަށް ކިޔައިދެވޭތޯ، ތަފާތު ދެ މައްސަލައެއްގައި ލައްކަ މަސައްކަތް ކުރެވިއްޖެ ކަމަށާއި އަދި އެ ކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމަށް އައްމަޓީގެ އެއްބަނޑު އެއްބަފާ ދެމީހުން ވަނީ ހާޒިރު ކޮށްފައެވެ. އަދި ދެ ފަރާތުން ވެސް އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީން ކަން ދީފައި ވެއެވެ.

ދައުވާ އުފުލިފައިވާ ފަރާތުން ފިލައިފިނަމަ، ޖާމިނުވާ ފަރާތްތަކަށް އަންނާނެ އަދަބުތައް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެ ދެއްވިއެވެ. އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ދެ އަހަރުގެ ގޭބަންދު ހުކުމެއް ނުވަތަ 15،000 ރުފިޔާ ޖޫރިމަނާގެ ހުކުމެއް އިއްވިދާނެ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ދެ ފަރާތުން ވެސް ވަނީ އެ އަދަބު އަންނާނެ ކަން ވެސް އެނގިހުރެ، އޭގެ ޒިންމާ ނަގާ ގޮތަށް، އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ބުނެފައެވެ.

އައްމަޓީ ދޫކޮށްލީ ބައެއް ޝަރުތުތައް ވެސް ކުރިމަތިކޮށްފައެވެ. އޭގެ ތެރޭގައި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާ މުއާމަލާތް ނުކުރުމާއި، ކޮންމެ ދުވަހަކު ފުލުހަށް ހާޒިރުވެ ސޮއިކުރަން ޖެހުމާއި، މާލެއިން ބޭރަށް ނުފުރުން ހިމެނެއެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައި ވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފާ ހަވާލުކޮށްފައި ވެއެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށް ފަހު ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ. މި މަހުގެ 13 ވަނަ ދުވަހު އޮތް އަޑުއެހުމުގައި އައްމަޓީ ވަނީ އެ ދައުވާތަކަށް އިންކާރު ކޮށްފައެވެ.