ކުރިއަށް އޮތް އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓު އެކުލަވާލުމަށް، ސަރުކާރު ތަމްސީލު ކުރާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވެވި ބައްދަލުވުންތައް ރޭ ނިންމަވާލައްވައިފިއެވެ.

އެކި ދުވަސް މަތިން ބޭއްވި ބައްދަލުވުންތަކުގައި، ރައީސް ވަނީ ބަޖެޓު އެކުލަވާލުމަށްޓަކައި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ލަފާ ހޯއްދަވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ބަޖެޓާ ގުޅޭގޮތުން ބޭއްވި މި ބައްދަލުވުންތަކުގައި، ދާއިރާތަކުން ހިމަނާނެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުންނާއި، ބަޖެޓުގެ އާމްދަނީ އާއި، ހަރަދުތަކާއި ގުޅޭ ގޮތުން ރައީސް ވަނީ މަޖިލިސް މެމްބަރުންނާ މަޝްވަރާ ކުރައްވާފައި ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނު ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވަނީ 37 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ "ފިިސްކަލް އެންޑް ޑެބްޓް ސްޓްރެޓަޖީ" ރިޕޯޓުގައިވާ ގޮތުން، ދައުލަތަށް އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، 37 ބިލިއަން ރުފިޔާ ހަމަ ކުރުމަށްޓަކައި ދައުލަތުން 13.4 ބިލިއަން ރުފިޔާގެ ދަރަންޏެއް ނަގަން ޖެހޭނެއެވެ.