މި ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ތަސައްވަރަށް އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް، ތައުރީފު ކުރައްވައިފިއެވެ.
އެމެރިކާގެ ސަފީރު، ރައީސް ސާސިލުގެ އަރިހަށް ވަދާއީ ޒިޔާރަތެއް މިއަދު ހެނދުނު ވަނީ ކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް އާއި އެމެރިކާގެ ސަފީރު ވަނީ ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ރައީސް ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާ، ހެޔޮވެރިކަން ކުރިއަށްގެންދިއުމަށާ، ޑިމޮކްރަސީ ހަރުދަނާކުރުމަށާ، އިޖްތިމާއީ-އިގްތިސާދީ ގޮތުން ކުރިއަށްދިއުމަށާ އަދި ކައުންޓާ ޓެރެރިޒަމް ކުރިއަށް ގެންދިއުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށް ދޭކަމަށްޓަކާ އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.
އެމެރިކާގެ ސަފީރު ދެއްކެވި ވާހަކަގައި ވަނީ މި ސަރުކާރު ހިންގުމަށް ރައީސ ގެންގުޅުއްވާ ތަސައްވަރަށް ތައުރީފު ކުރައްވާފައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމެރިކާގެ ރައީސް ބައިޑަންގެ ސަރުކާރުން ޕެރިސް އެގްރީމަންޓްގައި ބައިވެރިވުމަށް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސްގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެމެރިކާއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ރާއްޖެއިން ދެކޭކަމަށް ފާހަގަކުރައްވާފައެވެ.
އެމެރިކާގެ ސަފީރު ވަނީ ރާއްޖެއިން ބައިނަލްއަގްވާމީ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހިންގޭކަންކަމަށް ހަރަދުކުރުމަށް ގޮވާލާ ރާއްޖެއިން ކުރާ މަސައްކަތް ވަނީ ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު، ސަފީރު ވަނީ ރާއްޖެއާއެކު ހިޔާލު އެއްގޮތް ކަންކަމުގައި މަސައްކަތް ކުރުމަށް ބޭނުން ވާކަން ވެސް ފާހަގަކުރައްވާފައެވެ.
އެގޮތުން ތިމާވެށި ރައްކާތެރިކުރުމަށާ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ކުރެވެންހުރި ކަންތައްތަކާއި އަދި ކައުންޓާ ޓެރެރިޒަމްގެ ދާއިރާ އިން މަސައްކަތްކުރަން ބޭނުންވާކަން ސަފީރު ފާހަގަކުރެއްވެވިއެވެ.
ރައީސް ވަނީ ރާއްޖެއާ އެމެރިކާ ސަރުކާރުގެ ގުޅުން ބަދަހިކުރުމަށް އެލެއިނާ ޓެޕްލިޓްޒްގެ ސަފީރުކަމުގެ ދުވަސްވަރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި އެމެރިކާގެ ސަފީރަށް ކާމިޔާބު މުސްތަގްބަލަކަށް އެދިވަޑާގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެއާއެކު އެމެރިކާގެ ސަފީރު ވަނީ ސަފީރުކަމުގެ ދައުރުގައި ރައީސް ސޯލިހު ބެހެއްޓެވި ގާތްކަމަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ދާއިރާތަކުން ގުޅުން ގާއިމްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާ، އެމެރިކާގެ ސަރުކާރުން ރާއްޖެއާއެކު ގުޅުން ގާއިމުކުރުމަށް އެހީތެރިކަމާ، އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.