ފަގީރުކަން ނައްތާލުމަށް އެންމެ ނާޒުކު ހާލަތުގައި ތިބި ރައްޔިތުނަށް އެހީވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން ދާ ފަގީރުކަން ނައްތާލުމާ ގުޅޭ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައެވެ.
އެގޮތުން ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުގައި ތިބި 1.3 ބިލިއަން ފަގީރުންނާ އިންތިހާ ފަގީރުކަމުގައި އުޅޭ 100 މިލިއަން މީހުންގެ ފަގީރުކަން 2030 ގެ ކުރިން ނައްތާލުމަށް ކުރާ މަސައްކަތައް ކޮވިޑް-19 ގެ ބަލިމަޑުކަމާއި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ދަތިތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
ފަގީރުކަން ނައްތާލުމަށް މިހާތަނަށް ކުރި މަސައްކަތް ދަމަހައްޓާ، ކޮވިޑް-19 ގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެގޮތުން ތައުލީމާއި ސައިންސް އަދި އިގްތިސާދު ފަދަ ވަޒީފާގެ ފުރުސަތުތަށް ހިމެނޭ އަދި އެކަމުގައި ފަހުރާއި ގަދަރު ހިމެނޭ ދާއިރާތަކުގެ މިންގަޑުތަކާއި ފުރުސަތުތަށް ފަހިކޮށް، ފަގީރުކަން ނައްތާލުމަށް ކުރެވޭ މަސައްކަތަށް ކުރިމަތިވި އުނދަގޫތަކުން އަރައިގަނެ އިތުރު މަސައްކަތް ކުރުމުގައި ދެމިތިބެންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ފަގީރުކަމާ ދެކޮޅަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަށް ބޭނުން ވަނީ ގައުމުތަކުން ކޮވިޑް-19 ގެ ފަހުން ތަފާތު އިގްތިސާދަކަށް ތައްޔާރުވެ، އާ ވިޔަފާރިއާ ދާއިރާތަކަށް ފައިސާއާ މަސައްކަތްތެރިންނާއި ހުނަރާއި އާ ކަންކަން ފަހިކޮށްދިނުން ކަމަށެވެ.
އޭގެ އިތުރުން ފަގީރުކަން ނައްތާލުމާ ގުޅޭ ބައިނަލްއަގުވާމީ ދުވަސް ފާހަގަ ކުރާއިރު، ސާބިތުވާންވީ ސާފު، ފެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެއަށް ދިމާވެފާ ހީނަރުކަމުން އަރައިގަތުމަށާ އެންމެ ނާޒުކު ހާލަތުގައި ތިބި ރައްޔިތުނަށް އެހީވުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.