މިދިޔަ ބުރާސްފަތި ދުވަހު އަނިޔާވެރި ގޮތަކަށް އދ. ދަނގެތިން މަރާލާފައި އޮއްވާ ފެނުނު އެރަށު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝް މީހެއް ކަމަށްވާ ސާލިމް ލައްވާ މަހްމޫދް މަރާލި ގޮތް ކުޅުވައިފިއެވެ.
ފުލުހުން މިއަދު ސާލިމް ގޮވައިގެން ޝައްކު ކުރެވޭ ބައެއް ތަންތަނަށް ގޮސްފައި ވާއިރު އޭގެ ތެރޭގައި ނެދުންގެ އާއި މަހުމޫދު މަރާލައި ގޯންޏަކަށް ލައި ވައްޓާލާފައި ވާ ފެން ވަޅު ހުންނަ ގެ ހުންނަ ސަރަހައްދު ހިމެނެއެވެ.
ފުލުހުން ވަނީ ސާލިމް ލައްވާ އެ ވަޅު ކައިރި އަށް ގޮސް އޭނާ އަމަލުކުރި ގޮތް ކުޅުވާފައެވެ. ހަމައެހެންމެ ނެދުންގޭގެ ފާރުމަތިން ސާލިމް އެރި ގޮތް ވެސް އޭނާ ވަނީ ފުލުހުންނަށް ކިޔައިދީފައެވެ.
އެކަމާ ގުޅިގެން ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ސާލިމް ހައްޔަރުކޮށްފައި ވަނީ އިއްޔެ އޭނާ ދިރިއުޅޭ ނެދުންގެ ބަލާ ފާސްކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
އެ މައްސަލައިގައި ފުލުހުން މިއަދު އަންނަނީ އެރަށު ބޮޑު ސަރަހައްދެއް ބަންދުކޮށް ބަލާ ފާސް ކުރަމުންނެވެ.
އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެއީ އެ އާއިލާއިން މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާ ފަޔަށް ވަނީ ގޯންޏެއް ވެސް ފައްތާފައެވެ.