އިއްޔެ ވ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް، ރާޅަކާ ޖެހި ލޯންޗެއްގައި ހިނގި ހާދިސާގައި ނިޔާވި މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާގެ ޖަނާޒާ ބާއްވައިފިއެވެ.

ނާހިދާގެ ޖަނާޒާ ބައްވާފައި ވަނީ މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާގައެވެ. އެ ޖަނާޒާގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

ނާހިދާގެ ހަށިގަނޑު މިއަދު ހެނދުނު 7:30 ހާއިރު މާލެ ގެނެސްފައި ވާއިރު އޭނާ މާލެ ގެނައީ ލޯންޗު ހާދިސާގައި އޭނާ ކަނޑަށް ވެއްޓި ނިޔާވެގެން ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސް އެތާ ބޭއްވުމަށް ފަހުއެވެ.

ސަން ޝިޔާމް އޮޅުވެލި ރިސޯޓު ކައިރިން އިއްޔެ ލޯންޗަށް ރާޅެއް ޖަހާ ހިނގި ހާދިސާގައި ނާހިދާ ނިޔާވި އިރު، އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ގެއްލިފައެވެ.

އަދިވެސް އެ ކުއްޖާ ނުފެންނަ ކަމަށާއި، ނަމަވެސް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ލޯންޗަށް އެރި ރާޅަކާ ގުޅިގެންނެވެ.