މިދިޔަ ބުރާސްފަތި ދުވަހު އަނިޔާވެރި ގޮތަކަށް އދ. ދަނގެތިން މަރާލާފައި އޮއްވާ ފެނުނު އެރަށު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން އިތުރު ތަންތަން ބަލާ ފާސްކުރަން ފަށައިފިއެވެ.

މަހުމޫދުގެ މަރާ ގުޅިގެން އިއްޔެ ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމް، އޭނާ ދިރިއުޅޭ ނެދުންގެ ބަލާ ފާސްކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން، ހައްޔަރު ކޮށްފައެވެ.

އެމައްސަލައާ ގުޅިގެން މިއަދު ފުލުހުން އަންނަނީ އެ ރަށުގެ ޕްރީސްކޫލްގެ ގޯތިތެރޭގައި ހުންނަ ނިކަގަސް ސަރަހައްދު ބަންދުކޮށް، އެ ތަން ބަލާ ފާސްކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސަރަހައްދަކީ ނެދުންގޭގެެ ފުރަގަހެވެ.

އެމައްސަލާގައި ހައްޔަރުކުރި ސާލިމްގެ ބަންދަށް މިއަދު 15 ދުވަސް ޖަހާފައި ވާއިރު އެ މައްސަލާގައި އެ ރަށުގައި އުޅުނު ތިން މީހަކަށް ފުލުހުން ވަނީ ހިމާޔަތްވެސް ދީ ތޮއްޑުއަށް ގެންގޮސް އެހެން މައްސަލައެއްގައި ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު މީގެ ކުރިން ވިދާޅުވީ އެ ތިން މީހުންނަށް ދަނގެތިން ފުލުހުން ހިމާޔަތް ދީފައި ވަނީ މަހްމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ރަށުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކަމަށެވެ.

އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެއީ އެ އާއިލާއިން މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާ ފަޔަށް ވަނީ ގޯންޏެއް ވެސް ފައްތާފައެވެ.