އިއްޔެ މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް، ރާޅަކާ ޖެހި "ޑްރީމް ސްޕީޑް 2" ލޯންޗުގައި ފިލްމީ ތަރި އައިޝަތު ރިޝްމީ ރަމީޒާއި އޭނާގެ ފިރިމީހާ އަދި ފިލްމީތަރި ރަވީ ފާރޫގުގެ އިތުރުން ދަރިފުޅު އިސްމާއިލް އަޒިއެލް އަޒްމީލްވެސް ވަނީ ދަތުރުކޮށްފައެވެ.

އެ އާއިލާ ދަތުރުކުރިކަން އެ ލޯންޗުން ދަތުރުކުރި އެހެން މީހަކު ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދީފައެވެ. މިކަމާ ގުޅިގެން މިއަދު ރިޝްމީ ފޭސްބުކްގައި ކުރި ފޯސްޓެއްގައި ބުނީ އެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށާއި ހެޔޮ ހާލުގާ ތިބި ކަމަށެވެ. އަދި އެކަމާ ގުޅިގެން ގުޅާ ކޮންމެ މީހަކާ ވާހަކަ ނުދެއްކިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ލޯންޗުން ދަތުރު ކުރީ ފަޅުވެރިންނާއެކު 14 މީހުން ކަމަށާއި އޭގެ ތެރޭގައި ކުޑަ 3 ކުދިން ހިމެނޭ ކަމަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އެއީ ނާހިދާގެ 2 ދަރިންގެ އިތުރުން ރިޝްމީގެ ދަރިފުޅެވެ.

ލޯންޗަށް ޖެހި ރާޅަކާ، ހިނގި އެ ހާދިސާގައި ކަނޑަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ޖުޔަލް އަދިވެސް ފެނިފައި ނުވާ އިރު އެ ހާދިސާގައި އެކުއްޖާގެ މަންމަ މ. ގްރީން ޕީކް، މަރިޔަމް ނާހިދާ ވަނީ ނިޔާވެފައިއެވެ. އޭނާގެ ހަށިގަނޑު މިއަދު މާލެ ގެނެސް އަސްރު ނަމާދަށް ފަހު އާސަހަރާގައި ޖަނާޒާ ވަނީ ބާއްވާފައެވެ.