މިދިޔަ ބުރާސްފަތި ދުވަހު އަނިޔާވެރި ގޮތަކަށް އދ. ދަނގެތިން މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މަހުމޫދު މަރާލި ކަމުގެ މައްސަލާގައި އިއްޔެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ނެދުންގެ ބަލާ ފާސްކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން، ހަވީރު 4:00 ހާއިރެވެ.

ސާލިމްގެ ބަންދުގެ މުއްދަތު ދަނގެތީގެ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހަށް ޖަހާފައިވާއިރު، މިވަގުތު އޭނާ ހުރީ އެރަށުގެ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައެވެ.

ނެދުންގޭގައި އުޅެނީ ސާލިމްގެ އިތުރުން އުމުރުން ދުވަސްވީ މީހެއް ކަމަށްވާއިރު، އެ ގެ ބަލައި ފާސްކުރުމަށް ފަހު، އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހާ ވަނީ އެހެން ގެއަކަށް ބަދަލުކޮށްފައެވެ.

އެ މައްސަލާގައި އެ ރަށުގައި ތިބި ތިން މީހަކަށް ފުލުހުން ހިމާޔަތް ދިން އިރު، އެކަމާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު މީގެ ކުރިން ވިދާޅުވީ އެ ތިން މީހުން ވަނީ ހައްޔަރުކޮށްފައި ނޫން ކަމަށާއި، އެ ތިން މީހުންނަށް ފުލުހުން ހިމާޔަތް ދީފައި ވަނީ މަހްމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ރަށުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކަމަށެވެ.

އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެއީ އެ އާއިލާއިން މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނީ އެ ރަށުގައި އޮންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެން ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް ވެސް ފައްތާފައެވެ.