އިއްޔެ ވ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް، ރާޅަކާ ޖެހި ލޯންޗެއްގައި ހިނގި ހާދިސާގައި ނިޔާވި މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު، ނާހިދާގެ ހަށިގަނޑު މިއަދު ހެނދުނު 7:30 ހާއިރު މާލެ ގެނެސްފައިވާ ކަމަށެވެ. ނާހިދާ މާލެ ގެނައީ ލޯންޗު ހާދިސާގައި އޭނާ ކަނޑަށް ވެއްޓި ނިޔާވެގެން ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސް އެތާ ބޭއްވުމަށް ފަހުއެވެ.

ސަން ޝިޔާމް އޮޅުވެލި ރިސޯޓު ކައިރިން އިއްޔެ ލޯންޗަށް ރާޅެއް ޖަހާ ހިނގި ހާދިސާގައި ނާހިދާ ނިޔާވިއިރު، އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ގެއްލިފައެވެ. އަދިވެސް އެ ކުއްޖާ ނުފެންނަ ކަމަށާއި، ނަމަވެސް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ލޯންޗަށް އެރި ރާޅަކާ ގުޅިގެންނެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެއެވެ.