ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ސަން ޝިޔާމް އޮޅުވެލި ރިސޯޓު ކައިރިން އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ހަތަރު އަހަރުގެ ކުޑަކުއްޖާ ފެނިއްޖެ ނަމަ، އަވަހަށް އަންގަން އެމްއެންޑީއެފުން އެދިއްޖެއެވެ.

މި ހާދިސާގައި ކަނޑަށް ވެއްޓުނު ތިން މައިންގެ ތެރެއިން، މަންމަ ނިޔާވެފައި ވާއިރު، އޭގެ ތެރެއިން އެއް ކުއްޖަކު އަދިވެސް ނުފެންނަ ކަމަށާއި، އާއިލާ އާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާ ހިނގާފައި ވަނީ އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލު ބޭރުން ކަމަށް، އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ މިކުއްޖާ ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑު ޝިޕް، ޝަހީދު އަލީ ދަނީ އެ ހަރަކާތްތެރިވަމުން ކަމަށެވެ.

އެހެންވެ، އެ ސަރަހައްދުން ދަތުރު ކުރަމުންދާ އުޅަނދު ފަހަރާއި ރަށްރަށުން، އެ ކުއްޖާގެ ހަބަރެއް ވޭތޯ ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އަދި އެކުއްޖާގެ ހަބަރެއް ވެއްޖެ ނަމަ، ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރަންވެސް ވަނީ އެދިފައެވެ.

މައުލޫމާތު ހިއްސާކުރަން ގުޅަންވީ ނަންބަރުތައް؛

  • ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަންބަރު: 191
  • ކޯސްޓް ގާޑުގެ ހޮޓްލައިން: 3398898/3395981

އޮޅުވެލި ރިސޯޓު ކައިރިން ލޯންޗު އަޑިއަށް ދިޔަ ހާދިސާ ހިނގަން މެދުވެރިވީ އެ ލޯންޗަަށް އެރި ރާޅަކާ ގުޅިގެންނެވެ.

އެ ހާދިސާގައި ލޯންޗުން ދަތުރު ކުރި މީހުންގެ ތެރެއިން ނިޔާވެފައި ވަނީ ކ. މާލެ، މ. ގްރީން ޕީކް އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާއެވެ. ހަތަރު މީހަކަށް މި ހާދިސާގައި ލިބުނު އަނިޔާތަކަށް ގުރައިދޫގެ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެއެވެ.