މާލޭން ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް، ސަން ޝިޔާމް އޮޅުވެލި ރިސޯޓު ކައިރިން އަޑިއަށްދިޔަ ހާދިސާގައި ކަނޑަށް ފުންމާލި މީހުންގެ ތެރެެއިން ގެއްލުނު ކުޑަކުއްޖާގެ މަންމައަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވަނީ "ދަ ޕްރެސް" އަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ. މިޙާދިސާގައި ނިޔާވެފައި ވަނީ ކ. މާލެ، މ. ގްރީން ޕީކް އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ލޯންޗަށް އެރި ރާޅަކާ ގުޅިގެންނެވެ.

ނާހިދާގެ އިތުރުން، މި ހާދިސާގައި އޭނާގެ ދެކުދިން ކަނޑުވި އިރު، އޭގެ ތެރެއިން 1 ކުއްޖަކު އަދިވެސް ނުފެނިގެން، އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ދަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ އުމުރުން ހަތަރު އަހަރުގެ ކުއްޖެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުން ބުނީ އޮޅުވެލި ރިސޯޓު ކައިރިން ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ހަވީރު 5:06 ހާއިރު ވަނީ ލިބުނު ކަމަށެވެ. އަދި ލޯންޗު މިހާރު ގުރައިދޫ ފަޅަށް ވައްދާފައި ވާއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެއެވެ.