މީގެ ތިން ދުވަހެއްވަރު ކުރިން، ޕްރީ ސްކޫލްގައި ކިޔަވާ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފަދަ މައްސަލައެއް ވަނީ އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި މައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ގަލޮޅު މަދަރުސާގައި ކިޔަވަމުންދާ ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ އެ މަދަރުސާގައި މަސައްކަތްކުރާ އަންހެނެކެވެ.

ދާދި ފަހުން އުތުރުގެ ރަށެއްގައި 11 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ މައްސަލައާ ގުޅިގެން 37 އަހަރުގެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.